ޕޮލިސް ރިފޯމް މަސައްކަތުގެ ތެރެއިން، ޖިނާއީ ނިޒާމުގެ ޢަދުލުގައި ހިމެނޭ މުއައްސަސާތަކުގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ޚިޔާލު ހޯދުމަށް ބާއްވާ އެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު މި މަހާސިންތާ ފައްޓަވައިދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ގެންނަޖެހޭ ބަދަލުތަކާއިމެދު މަޝްވަރާކޮށް ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޝްވަރާތަކަށް އަމާޒުކޮށްގެން ބާއްވާ މި މަހާސިންތާގައި، ޕްރޮސިކިިއުޓަރ ޖެނެރަލްގެ އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ސްޕްރީމް ކޯޓުގެ އިތުރުން ހައިކޯޓާއި ކްރިމިލަން ކޯޓުން ބައިވެރިވެފައިވެއެވެ. އަދި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުންނާއި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
މީގެއިތުރުން ޕޮލިސް ރިފޯމް މަސައްކަތުގެ ތެރެއިން އިތުރު މަހާސިންތާތަކެއް މިއަހަރު ވަނީ ބާއްވާފައެވެ. އެގޮތުން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ޖަނަވަރީ މަހު ބާއްވާފައިވާއިރު ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެންވެސް ޖަނަވަރީ މަހު ވަނީ މަހާސިންތާ އެއް ބާއްވާފައެވެ.
އަދި ނޮދަން އޮޕަރޭޝަން ކޮމާންޑުގައި ހިމެނޭ ހއ، ހދ، ށ، ނ، ރ، ބ، ޅ. އަތޮޅުގެ އިތުރުން ކ. އަތޮޅާއި އއ، އދ، އަދި ވ. އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ފެބުރުވަރީ 12ން 14ށް ބާއްވާފައިވާއިރު، ސަދަން އޮޕަރޭޝަން ކޮމާންޑުގައި ހިމެނޭ މ، ފ، ދ، ތ، އަދި ލ. އަތޮޅުގެ އިތުރުން އައްޑޫސިޓީއާއި ފުވައްމުލައް ސިޓީއަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ފެބުރުވަރީ 13ން 14ށް އައްޑޫސިޓީ ހިތަދޫގައި ވަނީ ބާއްވާފައެވެ.
އަދި ނޮދަން އޮޕަރޭޝަން ކޮމާންޑާއި ސަދަން އޮޕަރޭޝަން ކޮމާންޑުގައި ހުރި ސަރުކާރުގެ މުއައްސަކާތަކާއި ޖަމްޢިއްޔާތަކާއި އާންމު ރައްޔިތުންނަށް ޚާއްސަކޮށްގެން ވެސް ފެބުރުވަރީ މަހު ވަނީ މަހާސިންތާތަކެއް ބާއްވާފައެވެ.