ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްދޭން ޕީޕީއެމް އާއި ޕީއެންސީ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި ދަންނަވައިފިއެވެ.
މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަނކޮށްދެއްވުމާ ބެހޭގޮތުން ދައްކަން ބޭނުންވި ހުރިހާ ވާހަކައަކަށް ރައީސް ސޯލިހް ފުރުސަތު ދެއްވި ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމާބެހޭ ތަފްސީލެއް އަބްދުއްރަހީމް ނުދެއްވައެވެ. އެހެން ނަމަވެސް ވިދާޅުވީ ވަރަށް "ޕޮޒިޓިވް ޖަވާބުތަކެއް" ރަައީސް ދެއްވި ކަމަށެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ޔާމީން ވަނީ، އެމަނިކުފާނުގެ ވަޒީރުންނާއި މަޖިލީސް މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.
ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އިރު، އެ އަމުރަކީ ގާނޫނުން ބޭރުން ކޮށްފައިވާ އަމުރެއް ކަމަށް ޕީޕީއެމްއާއި ޕީއެންސީ އޮން ވަނީ ބުނެފައެވެ.