ރަށްތަކަށް ނިކަމެތިކަން ލިބުނީ ރަށްދޫކޮށް އެންމެންނަށް މާލެ އަންނަން ޖެއްސުމުން: ހޯމް މިނިސްޓަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 58ސ
ރަށްތަކަށް ނިކަމެތިކަން ލިބުނީ ރަށްދޫކޮށް އެންމެންނަށް މާލެ އަންނަން ޖެއްސުމުން: ހޯމް މިނިސްޓަރ

ޒަމާނަށް އައިސްފައިވާ ބަދަލުތަކާއި، ދައުލަތް ހިންގުމުގެ އުސޫލުތަކަށް ގެނެވިފައިހުރި ބަދަލުތަކާއި އަދި ސިޔާސީ ގޮތުން ނިންމާފައިހުރި ނިންމުންތަކުގެ ސަބަބުން މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި ނިންމަންޖެހޭ ކުދިބޮޑު އެންމެހާ ކަންކަން ނިންމުމުގެ ބާރު މައިސަރުކާރަށް ޖަމާކުރުމުގެ ނަތީޖާއަކީ، އޭގެ ފަހުން ތަރައްޤީ ކުރެވުނު ހުރިހާ ޚިދުމަތްތަކެއް މާލެ ސަރަޙައްދަށް ޖަމާވެ، އެ ޚިދުމަތްތަކުގެ ފަހަތުން ރާއްޖޭގެ ޖުމްލަ އާބާދީގެ ތިންބައިކުޅައެއްބައި މާލެ ސަރަޙައްދަށް ހިޖުރަކުރަން ޖެއްސުން ކަމަށް އެލްޖީއޭގެ ރައީސް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިމޭރުމުން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ޢާންމުކުރެއްވި ޚިޠާބްގައެވެ.  

ޝައިޚް އިމްރާން ވިދާޅުވީ ރަށްތަކުގެ ކުރިއެރުމާއި ތަރައްޤީ މަޑުޖެހި ރަށްތައް ފަޅުވާން ފެށީވެސް މިކަމުގެ ސަބަބުން ކަމަށެވެ. އަދި މާލޭގެ ބިމުގެ ޖާގަ އާއި ޤާއިމުކުރެވިފައިހުރި ވަސީލަތްތަކަށް ނުކަތާވަރުގެ އާބާދީއެއް އޮތުމުގެ ސަބަބުން މާލޭގެ ދިރިއުޅުމަކީ އަދި މާބޮޑުވޭނަކަށްވީވެސް އަދި ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކަކުއަނެކަކަށް އަޅާލުމާއި ރަށްރަށުގެ އާންމު ޚިދުމަތްތަކާއި އިޖުތިމާއި ކަންކަން އަމިއްލައަށް ހަމަޖެއްސުމުގެ ރޫޙު ނެތިގެން ދިއައީވެސް މިކަމުގެ ސަބަބުން ކަމަށެވެ.

 

ހޯމް މިނިސްޓަރ ދެއްވި ޚިޠާބް: 

 

بسـم اللّه الرّحـمٰـن الـرّحيـم


الحمد للـه ذى العـرش رفيـع الدرجـات، شـرع للحـاكمين والمحكـومين الحقـوق والواجبـات.

 

والصلاة والسلام على سيـدنـا محمـد، خـاتم النبـوة والرسـالات، بين للجميع حدود الحـريـات والمسئوليـات، وعلى آلـه وأصحـابـه، الذيـن كانـواللأمـة خيـرالهـداة وأحسن القدوات.

 

މިއަދަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ބޮޑެތިބަދަލުތަކެއްގެނެސް ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމަށްޓަކައި އިންތިޚާބުކުރެވުނު ކައުންސިލަރުން މަޤާމުގެ މަސްޢޫލިއްޔަތާ ޙަވާލުވިތާ އަށް އަހަރުފުރޭ ދުވަސް. އާދެ! މިއަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީދުވަސް. މި ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނާ ގާތުން ޚިދުމަތް ކުރައްވާ އެންމެހާ ކައުންސިލަރުންނަށާއި މިހާތަނަށް އެ މަޤާމު ފުރުއްވި އެންމެހާ ބޭފުޅުންނަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް މަރުހަބާ އާއި ތަހުނިޔާ އަރިސްކުރަން.

 

އާދެ! ދިވެހިންނަކީ ދެހާހެއްހާ އަހަރުގެ ތާރީޚެއް އޮތް ބަޔަކަށްވީހިނދު، އަދި މި ރާއްޖޭގައި ލިޔެވިފައިއޮތް ގާތްގަނޑަކަށް ހާހެއްހާ އަހަރުގެ ތާރީޚެއް އޮތްއިރު، ފެންނާންއޮތް ޙަޤީޤަތަކީ، ޒަމާނުއްސުރެ އަޅުގަނޑުމެން ދިވެހިންނަކީ ދިވެހީންގެ ކަންކަން ލާމަރުކަޒުކޮށް ހަމަޖައްސަމުން އައި ބައެއްކަން. އެއިރު އެޒަމާނުގެ ޙާލަތާ އެކަށީގެންވާގޮތަށް ލިބެންހުރި ޚިދުމަތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އެރަށެއްގެ ނުވަތަ އެއަތޮޅެއްގެ ކަންކަން ހަމަޖައްސަމުން އައީ އެއަތޮޅެއްގެ ރައްޔިތުން އަމިއްލަޔަށްކަން. އެންމެ އެވޭލާ ޒަމާނުއްސުރެ ރަށްރަށުގައި ހިންގިފައިހުރި އިޤްތިޞާދީ ޙަރަކާތްތަކާއި، ރަށްތައް ސާފުކޮށް ބެލެހެއްޓުމާއި އަދި ފަހުން ކަރަންޓުގެ ޚިދުމަތްފަދަ އާންމު އަސާސީ ޚިދުމަތްތައް އަތޮޅުތެރޭގެ ރަށްތަކަށް ތަޢާރަފްވެފައިވަނީ ރަށްރަށުގެ ރައްޔިތުން އަމިއްލަޔަށް ކޮށްފައިހުރި މަސައްކަތުން. މުޅި ރާއްޖެއަށް ތަޢުލީމު ފުޅާކުރުމަށްޓަކައި ހިންގުނު މަޝްރޫޢުގެ ދަށުން، ސަރުކާރުގެ އެހީތެރިކަން ލިބިގެން ރައްޔިތުން އަންބާކިޔާފައި ނިކުމެ އިމާރާތްކުރި މަދަރުސާތައް މިހާރުވެސް މިރާއްޖޭގެ ރަށްރަށުގައި ފެންނާން އެބަހުރި. ހަމަ އެގޮތަށް ބިނާކުރެވުނު ސިއްޙީ މަރުކަޒުތަކާއި މިސްކިތްތަކާއި ރަށްވެހިގެތައް ވެސް އެބަހުރި.

 

ޒަމާނަށް އައިސްފައިވާ ބަދަލުތަކާއި، ދައުލަތް ހިންގުމުގެ އުސޫލުތަކަށް ގެނެވިފައިހުރި ބަދަލުތަކާއި އަދި ސިޔާސީ ގޮތުން ނިންމާފައިހުރި ނިންމުންތަކުގެ ސަބަބުން މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި ނިންމަންޖެހޭ ކުދިބޮޑު އެންމެހާ ކަންކަން ނިންމުމުގެ ބާރު މައިސަރުކާރަށް ޖަމާކުރުމުގެ ނަތީޖާއަކީ، އޭގެ ފަހުން ތަރައްޤީ ކުރެވުނު ހުރިހާ ޚިދުމަތްތަކެއް މާލެ ސަރަޙައްދަށް ޖަމާވެ، އެ ޚިދުމަތްތަކުގެ ފަހަތުން ރާއްޖޭގެ ޖުމްލަ އާބާދީގެ ތިންބައިކުޅައެއްބައި މާލެ ސަރަޙައްދަށް ހިޖުރަކުރުން. ރަށްތަކުގެ ކުރިއެރުމާއި ތަރައްޤީ މަޑުޖެހި ރަށްތައް ފަޅުވާން ފެށުން. މާލޭގެ ބިމުގެ ޖާގަ އާއި ޤާއިމުކުރެވިފައިހުރި ވަސީލަތްތަކަށް ނުކަތާވަރުގެ އާބާދީއެއް އޮތުމުގެ ސަބަބުން މާލޭގެ ދިރިއުޅުމަކީ އަދި މާބޮޑުވޭނަކަށްވުން. ޒަމާނުއްސުރެ މިރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކަކުއަނެކަކަށް އަޅާލުމާއި ރަށްރަށުގެ އާންމު ޚިދުމަތްތަކާއި އިޖުތިމާއި ކަންކަން އަމިއްލަޔަށް ހަމަޖެއްސުމުގެ ރޫޙު ނެތިގެން ދިޔުން.

 

ދިވެހި ލޮބުވެތި ރައްޔިތުން!

 

ފެހި ޤާނޫނުއަސާސީ އާއެކު އަޅުގަނޑުމެން މި ރާއްޖެއަށް ގެނައި މުހިންމު އެއްބަދަލަކީ ލާމަރުކަޒީ އުސޫލަށް މިރާއްޖޭގެ ހިނގުން އަލުން އަނބުރާ އިޔާދަކުރުން. ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލަޔަށް ނިންމުމުގެ ބާރު ދިނުން. އެހެން ނަމަވެސް ލާމަރުކަޒީ ޤާނޫނުގައި ހުރި ބައެއް އުނިކަންކަމާއި، ޤާނޫނުތަކުގައި ހުރި ބައެއް ފުށުއެރުންތަކާއި އަދި އުސޫލީކަންކަމުގައި އުފެދިފައިހުރި ދެބަސްވުންތަކާހުރެ ޤާނޫނުއަސާސީ ކުރަހާދޭ ތަސައްވަރާ އެއް މިންވަރަކަށް މި ރާއްޖޭގެ ކަންކަން ލާމަރުކަޒު ކުރެވިފައި ނެތް ކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް.

 

އާދެ! އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިގެން އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރާން ނިންމި މުހިންމު އެއްކަމަކީ ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށް، ޤާނޫނުއަސާސީ ކުރަހާދޭ ތަސައްވަރާ އެއްމިންވަރަކަށް، ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނޭހެން ލާމަރުކަޒީ އުސޫލުން މިރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަންކުރުން.

 

ދިވެހި ލޮބުވެތި ރައްޔިތުން!

 

މިރާއްޖެއަށް މެދުވެރިވެފައި ހުރި އިޖުތިމާއީ އިޤުތިސާދީ އަދި ސިޔާސީ އެތައް ބައިވަރު މައްސަލަތައް ޙައްލުކުރުމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅަކީ ޙަޤީޤީ މާނާގައި މިރާއްޖޭގެ ހިންގުން ލާމަރުކަޒުކުރުން. ރައްޔިތުންގެ ކަންކަން އަމިއްލަޔަށް ނިންމުމުގެ ބާރު ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލުން. އެހެންކަމުން ލާމަރުކަޒީ ޤާނޫނު އަލުން އިސްލާޙުވެގެން އަންނައިރު އަންނަން ޖެހޭ އެންމެ މުހިންމު އެއްކުރިއެރުމަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވާނެ ސާފުސާދާ މަގެއް ހޯދުން. މައި ސަރުކާރަށް ބަރޯސާނުވެ ރަށްރަށާއި އަތޮޅުތައް ހިންގުމަށް ހިނގާ ޚަރަދާއި އާންމު ޚިދުމަތްތައް ދިނުމަށްޓަކައި ހިނގާ ޚަރަދަށްވުރެ މަދު ނުވާނެ އާމްދަނީއެއް ލިބޭނެ ގޮތެއް ސާފުކޮށް ފެންނާން އޮތުން. މުޅި ރައްޖޭގެ ޤުދުރަތީ މުއްސަނދިކަން ނެތިގެން ނުދާނެހެން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި ޤުދުރަތީ މުއްސަނދިކަމުގެ މަންފާ އެންމެނަށް އިންސާފުވެރި އުސޫލަކުން ބެހިގެންދިއުމަށްޓަކައި، ރަށްރަށާއި ފަޅުފަޅާއި އެހެނިހެން ވަސީލަތްތައް އިޤްތިސާދީ ބޭނުމަށް ދޫކޮށްލެވޭ ހިނދު އެކަށީގެންވާ މިންވަރަކަށް ރައްޔިތުންގެ ޚިޔާލު ހޯދިގެން ރައްޔިތުންނަށް އޭގެ މަންފާކުރާނެހެން އެކަންކުރެވޭނެ ގޮތެއް ހޯދުމަކީވެސް ކުރާންޖެހިފައި އޮތް މުހިންމު މަސައްކަތެއް.

 

ދިވެހި ލޮބުވެތި ރައްޔިތުން!

 

މި ރާއްޖޭގެ މުސްތަޤުބަލަށްޓަކައި އަޅަންޖެހޭ މުހިންމު އެއްފިޔަވަޅަކީ ހިފެހެއްޓިފައި ހުރި ރައްޔިތުންގެ ބާރުތައް އަލުން އަނބުރާ ރައްޔިތުންނަށް އިޔާދަކޮށްދިނުން ކަމުގައިވާ ހިނދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ނިންމެވުންތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވޭތުވެދިޔަތަނުގައި ޤާނޫނާ ޚިލާފަށް ހިފެހެއްޓިފައި ހުރި ލޯކަލް ކައުންސިލްތަކުގެ ބާރުތަކާއި، ޤާނޫނާ ޚިލާފަށް ލޯކަލް ކައުންސިލްތަކާމެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖާކޮށް އެކަންކަމަށް ޙައްލެއް ހޯދުން. މިދެންނެވި މަފްހޫމުގައި ލާމަރުކަޒީ ޤާނޫނު އަލުން އިސްލާޙުކޮށް، ލާމަރުކަޒީ ނިޒާމު އޭގެ ފުރިހަމަގޮތުގައި ހިންގުމަކީ މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުރާނެކަމެއް. ރައްޔިތުންގެ ކަންކަމުގައި ބަސްބުނެ އެކަންކަމުގައި ފުރިހަމަޔަށް ބައިވެރިވުމަކީ އަޅުގަނޑުމެން ހޯދައިދޭނެ ފުރުސަތެއް.

 

والسّـلامعليـكمورحمــةاللّـهوبركاتـه

 

 

މިއަދު އޮންލައިން