ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން މިރޭ 08:30 ން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ކުރިޔައްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ކަނޑައެޅުމަށް ގުރުއަތުލުމަށް ކުރިން ހަމަޖެހިފައި އޮތީ ހުސްވި މަހުގެ 27 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް އެދުވަހުގެ ގުރު ނެގުން މިރެއަށް ލަސް ކުރީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
މި އިންތިހާބުގައި މަޖިލީހުގެ 87 ދާއިރާއަށް 395 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ގުރުު ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.