ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށް ޔޫސް އޮފް ފޯސް ރިފްރެޝަރ ޕްރޮގްރާމެއް ވިލިމާލޭގައި ފަށައިފިއެވެ.
މިޕްރޮގްރާމްގައި، ފުލުހުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާއި ބެހޭ ޤަވާއިދާއި އަދި ޖިނާއީ ޢިޖުރާއަތުގެ ޤާނޫނާއި ގުޅޭ ގޮތުން ފުލުހުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އަދި މީގެއިތުރުން ފުލުހުން ބޭނުން ކުރާ ލީތަލް އަދި ލެސްލީތަލް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑި އާއި މުގުރުގެ އިތުރުން ޕެޕަރ ސްޕްރޭ ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލުކުރާނެ ގޮތްތަކާއި އުކުޅުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.
މާރިޗު 3ން 7ށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އިންސްޓްރަކްޓަރުންނެވެ.