ރ. އަތޮޅުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން 21" ނިންމާލައިފި

ކިޔުމަށް ހޭދަވާނީ 3މ 15ސ
ރ. އަތޮޅުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން 21" ނިންމާލައިފި

ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން، އޮޕަރޭޝަން 21ގެ ނަމުގައި  އެއަތޮޅުގައި ކުރިއަށްގެންދި އޮޕަރޭޝަންތައް ނިންމާލައިފިއެވެ

ފެބުރުވަރީ 8ން މާރިޗު 4ށް ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންތަކަކީ ރ. އަތޮޅުގެ ރަށްތަކަކީ ކުށްމަދު އަމާންވެއްޓެއް ޤާއިމުވެފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށްތަކަކަށް ހެދުމާއި، ރައްޔިތުންނަށް ދިމާވާ އެކިކަންކަމުގައި ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން ތަކެކެވެ. އަދި ފުލުހުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ރ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނާ ހިއްސާކުރުމާއި ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމެވެ

އެގޮތުން ރ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިނުވާ، ނުވަ ރަށް ކަމުގައިވާ ވާދޫ، ރަސްގެތީމު، ހުޅުދުއްފާރުގެ އިތުރުން މާކުރަތު، ރަސްމާދޫ، އިންނަމާދޫ، ކިނޮޅަސް އަދި ފައިނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިއޮޕަރޭޝަންތަކުގެ ތެރެއިން، އެރަށްރަށަށް ފުލުހުން ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެރަށްރަށަށް ފުލުހުން މިކުރި ޒިޔާރަތްތަކުގެ ތެރެއިން ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމާއި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެރަށްރަށުގައި ހިންގާ ސައިހޮޓާ ކެފޭ ފަދަ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ އިތުރުން ރަށު ކައުންސިލްތަކާއި އެރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން އެރަށްރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމުގެ އިތުރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ ތަންތައް ބަލައިފާސްކޮށްފައިވެއެވެ.

އެގޮތުން ކުރިއަށްގެންދިޔަ މިއޮޕަރޭޝަންތަކުގައި އެރަށްރަށުގެ 211 ގެއަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވެއެވެ. އަދި  73 ފިހާރައަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ފިހާރަތަކުގައި ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާހޯދުމަށް އަންނަމުންދާ ފޯންކޯލްތަކަށް އިޖާބަ ނުދިނުމާއި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ފިހާރަތަކުގެ ސަލާމަތީކަންކަން ރަނގަޅު ކުރުމަށްޓަކައި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން އެރަށްރަށުގައި ދުއްވާ 239 އެއްގަމު އުޅަނދެއް ބަލައިފާސްކޮށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި  ޚިލާފަށް އުޅަނދު ދުއްވި 15 ފަރާތަކަށް ފިޔަވަޅު އަޅައި ނަސޭހަތްތެރިވެފައިވެއެވެ. މިއޮޕަރޭޝަންތަކުގައި، އެއްގަމު އުޅަނދުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމާއި އަދި ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވެއެވެ.

އަދި އެރަށްރަށުގެ ރަށު ކައުންސިލްތަކާއި އެރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް 14 ބައްދަލުވުމެއް ބާއްވާ މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި އެ މުއައްސަސާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެއިތުރުން ސައިހޮޓާ އަދި ކެފޭ ފަދަ 20 ތަނަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށްތައް ހިނގާފާނެ ކަމަށް ބެލެވޭ 62 ތަނެއް ބަލައިފާސްކުރުމުގެ އިތުރުން 36 މީހަކު ބަލައިފާސްކޮށްފައިވެއެވެ.

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ޤާއިމުކުރުމަށް އަތޮޅު ތަކުގައި މަސައްކަތްކުރާ ފުލުހުން މިފަދަ ޕްރޮގްރާމްތައް ސިއްސިލާކޮށްދަނީ ހިންގަމުންއެވެ.

މިއަދު އޮންލައިން