ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ އަނބިކަނބަލުން ފާޓިމަރު އިބްރާހިމް ގެ މައިންބަފައިންގެ ހަނދާނުގައި އިމާރާތްކުރި މިސްކިތައް މޯލްޑިވް ގޭހުން އޮޅުވާލައިގެން ބޮޑު އަދަދަކުން ޚަރަދުކުރިކަން ހާމަވެއްޖެއެވެ.
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "މަސްޖިލް ވާލިދައިން" މިސްކިތައް މޯލްޑިވް ގޭހުން ވަނީ 2.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ރައީސް ޔާމީން ހުޅުވާދެއްވި އެމިސްކިތުގައި އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވެއެވެ.
މެޑަމް ފާތުންގެ މައިންބަފައިންގެ ހަނދާނުގައި އިމާރާތްކުރި އެމިސްކިތައް މޯލްޑިވް ގޭހުން ބޮޑު ހޭދައެއް ކުރިކަން ފަޅާއެރީ، އެކުންފުނީގެ އެހެން މަޝްރޫއެއްގެ ނަމުގައި ގަނެފައިވާ ގިނަ އަދަދެއްގެ ސާމާނު، މަސްޖިދުލް ވާލިދައިން އިމާރާތްކުރި ސައިޓަށް ގެންގޮސްފައިވާކަމުގެ ލިޔުންތަކުންނެވެ. އެނގިފައިވާ ގޮތުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓާރ ޝަޒައިލް ސިޔާމް ވަނީ، އެލިޔުންތަކާއި ގުޅިގެން މިދިޔަ އަހަރު އެކުންފުނިން ހޭދަކުރި ގޮތުގެ އޮޑިޓެއް ވެސް ހަދަން ހަވާލުކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ޝަޒައިލް ވިދާޅުވެފައިވަނީ މެޑަމް ފާތުންގެ މައިންބަފައިންގެ ހަނދާނުގައި އިމާރާތްކުރި މިސްކިތަކަށް މޯލްޑިވް ގޭހުން ޚަރަދު ކުރަންޖެހޭ އެއްވެސް ސަބަބެއް އެކުންފުނީގެ އެއްވެސް ލިޔުމަކުން ސާފުވާން ނެތް ކަމަށެވެ. އަދި އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުގައި ވެސް މިސްކިތައް ހޭދަކުރަން ބޯޑުން ނުވަތަ ކުންފުނީގެ މެނޭޖްމެންޓުން ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ތިނަދޫ ޕްރޮޖެކްޓުގެ ނަމުގައި ނަގާފައިވާ ސާމާނުތައް ޑައިވާޓުކޮށްފައި ހުރީ އެމިސްކިތް އަޅާ ހުޅުމާލެ ސައިޓަށް! ސާބިތު ހެކި ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި!" ޝަޒައިލް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭހުގެ އެމްޑީ އަކަށް ހުންނެވީ އަބްދުﷲ މައުމޫން (ގޭސް މާނު) އެވެ. މެޑަމް ފާތުން ހިންގެވި ޞަދަޤާތު ފައުންޑޭޝަންގައި ވެސް އެންމެ އިސްކޮށް އުޅުއްވީ އޭނާއެވެ.