ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރައްވަމުން ގެންދެވި ޑރ. އާމިނަތު ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ގދ. ގައްދޫ، ކަށިކެޔޮމާގެ، އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ނިޔާވުމަކީ ދިވެހި ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެކެވެ.
މީސްމީޑިއާގައި ހިއްސާ ކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑރ. އާމިނަތު ފަޒުނާއަކީ ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އެކަމަނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ޑރ. ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެކަމަނާގެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންނަށް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ޑރ. އާމިނަތު ފަޒުނާއަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި، ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެކަމަނާ ނިޔާވުމާ ގުޅިގެން ޞިއްޙީ ދާއިރާގެ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.