މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ %14.7 އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ %14.7 އިތުރުވެއްޖެ

މިދިޔަ ޖޫން މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ، އަންދާޒާކުރި މިންވަރަށްވުރެ %14.7 އިތުރުވެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު އެ އޮތޯރިޓީން ވަނީ ޖުމުލަ 2.92 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު %10.1 އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކްސް، އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. މީގެއިތުރުން، މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކުރި މިންވަރަށްވުރެ %1.7 އިތުރުވުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީއަށް ލިބުނު ކުރިއެރުމެކެވެ.

މީރާއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، އަދި ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ ލިބުނު ފައިސާއަކީވެސް އާމްދަނީ އިތުރުވުމަށް މެދުވެރިވި ސަބަބުތަކެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު ލިބުނު ޖުމުލަ އާމްދަނީގެ %14.3 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާއެވެ. އަދި އާމްދަނީގެ %23.4 އަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ލިބިފައިވާ ފައިސާކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.

މިއަދު އޮންލައިން