މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް ނުވަތަ އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަޤާމުގައި ހަތް އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން އެ މަޤާމުން ވަކިވެވަޑައިގެންފިއެވެ. ޝައިޚް އިބްރާހިމް ރަޝީދަކީ ދިގު މުއްދަތަކަށް އިސްލާމީ މަރުކަޒުގެ އިމާމުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މަޤާމުން ވަކިވެވަޑައިގަންނަވަމުން ޝައިޚް ވަނީ އެ މަޤާމުގައި ޚިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރުންނާއި، އިސްލާމީ މަރުކަޒުގެ އެހެނިހެން އިމާމުންނާއި މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި ޝައިޚް ވަނީ ޝުކުރު ދަންނަވާފައެވެ.
ޝައިޚް އިބްރާހިމް ރަޝީދު އިމާމްކަމުގެ މަޤާމުން ވަކިވެވަޑައިގަތީ ތަޢުލީމީ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރުމުގެ އައު ފުރުސަތެއް ލިބިވަޑައިގަތުމާ ގުޅިގެންނެވެ. ޝައިޚް މިހާރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ވަޒީފާ އަދާކުރައްވަން ފަށްޓަވާފައެވެ.
އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި ހުންނަވައިގެން ޝައިޚް ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ނަމާދުތައް އިމާމުވެ ކުރެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޝައިޚްގެ މި ނިންމެވުމާއެކު، ދެން ޚިދުމަތް ކުރައްވާނީ މަތީ ތަޢުލީމުގެ ދާއިރާއިން ދަރިވަރުން ބިނާކުރުމުގައެވެ.