އައްޑޫ ސިޓީގައި ގާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓުގެ މައިގަނޑު މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހާމަކޮށްފިއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ތިމާވެއްޓާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު ނިޒާމު ވިދާޅުވީ، މި ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެއް ކަމަށެވެ.
ނިޒާމު ފާހަގަކުރެއްވި ގޮތުގައި، ސަރަހައްދީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒެއް ފުރިހަމައަށް ހިންގުމަށްޓަކައި ހަމައެކަނި ޕްލާންޓެއް ހުރުމުން ނުފުދެއެވެ. އެހެންކަމުން، އެ ފެސިލިޓީގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ އެހީގައި މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްދާ އިތުރު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޒާމު ވިދާޅުވީ، "މިހާރު މަސައްކަތް ދާގޮތުން އަޅުގަނޑުމެން އުންމީދު މިކުރަނީ މި މަޝްރޫޢު ގާތް ގަނޑަކަށް 2028ގެ މެދަކާއި ހަމައަށް ނިންމާލެވި އެ ފެސިލިޓީވެސް އޮޕަރޭޝަނަށް ގެނެވޭނެކަމަށް. މިވަގުތު ވޭސްޓް މެނޭޖްމަންޓު ޕްލާންޓު ޤާއިމްކުރެވިފައި ހުރިކަމުގައިވީނަމަވެސް އޮޕަރޭޓެއް ނުކުރެވޭ،" ކަމަށެވެ.
ޕްލާންޓު މިވަގުތު އޮޕަރޭޓް ނުކުރެވި ވަނީ އެ ފެސިލިޓީ ފުރިހަމަކުރަން ބޭނުންވާ އިތުރު ކޮންޕޯނަންޓުތައް މަދުވުމުންނެވެ. މިހާރު ކުރިއަށްދާ މަޝްރޫއުގެ ތެރެއިން ލޭންޑް ފިލްއާއި ސޯޓިން ފެސިލިޓީ ގާއިމުކުރެވިގެންދާނެ ކަމަށާއި، އެ މަސައްކަތްތައް ނިމުމުން އެތަން ފުރިހަމަ ސިސްޓަމަކަށް ވެގެންދާނެ ކަމަށް ނިޒާމު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ތެރޭގައި މި މަރުކަޒު އެއްކޮށް ނިންމައި އޮޕަރޭޝަނަށް ގެނައުމެވެ. މި މަޝްރޫއު ނިމުމުން އައްޑޫ ސިޓީގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.