އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު
މާލެ ސަރަހައްދަށް މިއަދު ދިމާވި ފަދަ ކަރަންޓު ކެނޑުމުގެ ހާދިސާއެއް ތަކުރާރު ނުވާނެހެން އެ ކުންފުނިން ފިޔަވަޅު އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު 12:40 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރުވަނީ ހައްލުކުރެވި، މާލެ އަދި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައެވެ.
ކަރަންޓު ކެނޑުމުގެ ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ "ކަރަންޓު އަލުން ދިނުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" ކަމަށެވެ.
އަދި މި ހާދިސާގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށާއި، މިއަދު ގްރޭޓަރ މާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނެގަނެ، އެކަމާ ގުޅުންހުރި މަޢުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން ވެސް ފަހުމީ ދެއްވާފައިވެއެވެ.
ފަހުމީ ވަނީ މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސްޓެލްކޯއިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވާފައެވެ.
Advertisement
1 ޖޫން 2025