އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ. މިކަން ސްޓެލްކޯއިން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީއެވެ.
ސްޓެލްކޯއިން މިއަދު ބުނި ގޮތުގައި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މި މަސައްކަތްތައް ހިންގުމަށް މާދަމާ ތަފާތު ވަގުތުތަކުގައި ކަރަންޓު ކެނޑިގެންދާނެއެވެ.
އެގޮތުން، މާދަމާ ހެނދުނު 09:00 ން 12:00 އާ ދެމެދު މާލެސިޓީ ބޮޑުތަކުރުފާނު މަގު، ހަވީރީ ހިނގުން، ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ މަޢުލޫމާތުދީފައެވެ. އަދި ހަމައެދުވަހު ހެނދުނު 10:00 ން 12:00 އާ ދެމެދު މާލެސިޓީ ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުންވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެއިތުރުން، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު މާލެސިޓީ ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުންވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ މަޢުލޫމާތުދީފައެވެ.
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުންވެސް މާދަމާ ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން، މާދަމާ ހެނދުނު 10:00 ން 11:00 އާ ދެމެދު ހުޅުމާލެ ފުރަތަމަ ފިޔަވަހި، ނިރޮޅު މަގު، ދިއްގާ މަގު، ހިރުނދު މަގު އަދި ނިރޮޅު މަގު ގޯޅި 11، 12، 13 ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ވަނީ މަޢުލޫމާތުދީފައެވެ.
ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ. ހަމައެއާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
Advertisement
20 ޖޫން 2025