ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ރެއަށް ހަމަވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ރެއަށް ހަމަވާނެ!

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް ހުޅުވާލާފައިވާ މުއްދަތު މާދަމާ ރޭގެ ނިޔަލަށް ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފެބްރުވަރީ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކެންޑިޑެސީ ފޯމު ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާން ކައިރިވެފައިވާއިރު، ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކޮމިޝަނުން ވަނީ ފޯމު ހުށަހަޅަން ދީފައިވާ ވަގުތު މިހާރު އިތުރުކޮށްފައެވެ.

ވަގުތަށް ގެނައި ބަދަލާއެކު، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 5:30 އާ ހަމައަށް ފޯމު ހުށަހެޅޭނެއެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ކެންޑިޑެސީ ފޯމުތައް ބަލައިގަތުމުގައި ދިމާވާ މައިގަނޑު މައްސަލަތަކަށް އިޝާރާތްކޮށް އިލެކްޝަންސް ކޮމިޝަނުން ބުނީ، ބައެއް ފަރާތްތަކުގެ ފޯމުތައް ބަލައިނުގަނެވެނީ ކުށާއި ދަރަނީގެ ރެކޯޑު ފުރިހަމައަށް ހުށަހަޅާފައި ނެތުމުގެ ސަބަބުން ކަމަށެވެ. ވަކިން ހާއްސަކޮށް، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހުށަނޭޅުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކުރަންޖެހޭ ކުށުގެ ރެކޯޑުތައް ހުށަނޭޅުން ހިމެނެއެވެ.

އެހެންކަމުން، ފޯމު ހުށަހަޅާއިރު މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކެންޑިޑޭޓުންނަށް އިލްތިމާސްކޮށްފައެވެ. މާދަމާ ރެއަކީ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތު ކަމަށްވާތީ، ހުރިހާ ލިޔެކިޔުންތަކެއް ހަމަކުރުމަށްފަހު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ކޮމިޝަނުން އެދެއެވެ.

މިއަދު އޮންލައިން