އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިންގާ ޑިޔުޓީ ފްރީތަކުގައި 40 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭ ބޮޑު ސޭލެއް މިއަދު ފަށައިފިއެވެ.
އެމްއޭސީއެލްގެ އެމްޑީ ޢާދިލް މޫސާ މިއަދު ވިދާޅުވީ ޖުލައި މަހުގެ ނިޔަލަށް އެއާޕޯޓް ޑިޔުޓީ ފިހާރަތަކުގައި ކުރިއަށް ގެންދާ މި ބޮޑު ސޭލްގައި 10 އިންސައްތައިން ފެށިގެން 40 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އެމްއޭސިއެލް އިން ވަނީ ފްރާންސް އިން ގެނެސް ދިވެހިވަންތަ ސެންޓެއް މިއަދު ތަޢާރަފްކޮށްފައެވެ. މި ސެންޓަކީ ފްރާންސްގެ މަޝްހޫރުު ބްރޭންޑެއް ކަމަށްވާ ކޮކަޝި ބްރޭންޑާއި ގުޅިގެން ރާއްޖެއަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ދިވެހިވަންތަ އުފެއްދުމެކެވެ. މިސެންޓުގެ 3 ބާވަތެއް މިއަދު ވަނީ ތައާރަފްކޮށްފައެވެ.
ޢާދިލް މޫސާ ވިދާޅުވީ މި ބޮޑު ސޭލަކީ އެއާޕޯޓަށް 50 އަހަރު ފުރުމާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށެވެ.
ޑިޔުޓީ ފްރީ ފިހާރަތަކުން ލިބެން ހުންނަ ގިނަ ބާވަތްތަކެއް ޢާންމުކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައި އެރައިވަލް ޝޮޕުން ވެސް މިހާރު ގެންދަނީ ވިއްކަމުންނެވެ.