މާލޭގެ ހުޅަނގު ހާބަރުގައި ތަރައްޤީކުރާ ސިނާޢީ ރަށުން އުޅަނދުފަހަރަށް ބޭނުންވާ ތެލުގެ ޚިދުމަތް ދިނުން އެސްޓީއޯ އާއި ހަވާލުކުރުމުގެ ފަހުމްނާމާގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފިނޭންސިންގ އޮފިސަރ މުޙައްމަދު މިހާދުއެވެ. ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެސްޓީއޯ އިން ބުނީ މި އެއްބަސްވުމުގެ ދަށުން އިންޑަސްޓްރިއަލް އައިލަންޑް ނުވަތަ ސިނާޢީ ރަށުގައި ބޮޑެތި ޓޭންކްތައް ބަހައްޓައިގެން ލޯންޗް ފަހަރަށާއި މަސްދޯނި، އޮޑިފަހަރު، އަދި ސަރަހައްދަށް ވަންނަ ބޯޓު ފަހަރަށް ވެސް ތެޔޮއަޅައިދިނުމުގެ ޚިދުމަތްދޭނެ ކަމަށެވެ.
މިފަދަ އިންތިޒާމެއް ހަމަޖެހުމުން ބައުޒަރުތަކަށް ތެޔޮ އަޅައިގެން މާލޭގެ އެކި ސަރަހައްދުތަކަށް ތެޔޮ އުފުލައި އުޅަނދުފަހަރަށް ތެޔޮ އެޅުމުން ކުރިމަތިވާ ޓްރެފިކް މައްސަލަތަކަށް ވަރަށް ބޮޑު ޙައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ. އަދި ޚިދުމަތް ހޯދާ ފަރާތައްވެސް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
މިކަމާއި ގުޅިގެން ބައެއް އުޅަނދުފަހަރުގެ ވެރިން ބުނީ މިއީ ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި އެތައް ގަޑިއިރު ތެޔޮ ބައުޒަރަށް އިންތިޒާރުކުރަން ޖެހުމާއި ތެޔޮ ނުލިބިގެން ނުފުރި ލަސްވުން ފަދަ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.