"ގެސްޓްހައުސް އިންޓަރނެޓްް"ގެ ނަމުގައި ގެސްޓް ހައުސްތަކަށް ޚާއްޞަ ޕެކޭޖްތަކެއް ދިރާގުން ތަޢާރަފްކޮށްފިއެވެ.
މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިއަ ގެސްޓް ހައުސް ކޮންފަރެންސްގެތެރެއިން ދިރާގުން ތައާރަފްކުރި މި ޕެކޭޖްތަކަކީ ގެސްޓް ހައުސްތަކަށް ބޭނުންވާނެ ހުރިހައި އިންޓަރނެޓް ވަސީލަތްތަކެއް ހިމަނައިގެން އުފައްދާފައިވާ ގެސްޓް ހައުސްތަކަށް ޚާއްޞަ ސޮލިޔުޝަނެކެވެ.
މީގައި ހިމެނެނީ 2އެމް، 5އެމް، 8އެމް އަދި 10 އެމްގެ ޕްލޭންތަކެވެ. ކޮންމެ ޕްލޭނަކީވެސް އަންލިމިޓެޑް ޑާޓާ ޕްލޭނެކެވެ. އެހެންކަމުން އިތުރު އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. އަގުތަކަކީ މަހަކު ،2900 ،5900 ،79 އަދި 8900 ރުފިޔާއެވެ. މިމަހުގެ ނިޔަލަށް ސަބްސްކްރައިބްކުރާ ހުރިހާ ކަސްޓަމަރުންނަށް ސެޓަޕްފީގެ 50 އިންސައްތަ ޑިސްކައުންޓް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ޕެކޭޖްތައް ބޭނުންކުރާއިރު ގެސްޓް ހައުސްގައި ތިބޭ ހުރިހައި ގެސްޓުން އެއްފަހަރާ ބޭނުން ކުރިނަމަވެސް ދަތިކަމެއް ނެތި އިންޓަރނެޓް ނުވަތަ ވައިފައި ލިބޭނެއެވެ. އަދި ގެސްޓް ހައުސްތައް ހިންގާ ފަރާތައް އިދާރީ ގޮތުން ނުވަތަ އެނޫން ގޮތަކުންވެސް ބޭނުންކުރާނެ އިންޓަރނެޓް ލިބެމުންދާނެއެވެ.
ދިރާގުން މިއަދު ތަޢާރަފްކުރި ޕެކޭޖްތައް ތައްޔާރުކޮށްފައިވަނީ ގެސްޓް ހައުސް ވިޔަފާރީގައި މިހާރު އެންމެ ކުރިއަރާފައިވާ މާފުށީގެ ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެންނެވެ. ދިރާގުން ބުނެފައިވަނީ ޑިމާންޑަށް ބަލައި އެހެން ރަށްތަކަށް ވެސް މިފަދަ ޕެކޭޖްތައްް ތަޢާރަފްކުރަމުން ގެންދާނެ ކަމަށެވެ.