ދިވެހިރާއްޖެއާއި ‏ސަޢޫދީ ޢަރަބިއްޔާ‏އާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 50ސ
ދިވެހިރާއްޖެއާއި ‏ސަޢޫދީ ޢަރަބިއްޔާ‏އާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވައިފި

ދިވެހިރާއްޖެއާއި ‏ސަޢޫދީ‏ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި މިއަދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. ރަސްމީ ވާހަކަފުޅުތައް އޮތީ، މިއަދު ހަވީރު ‏ސަޢޫދީ ރަސްގެފާނުގެ ޝާހީ ގަނޑުވަރުގައެވެ‏. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ‏ސަޢޫދީ‏ ޢަރައްބިއްޔާގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، އެޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދެވެ. ދިވެހި ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.


 


މިއަދު ބޭއްވުނު ރަސްމީ ވާހަކަފުޅުތަކުގައި، ސަޢޫދީ‏ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި، ‏ސަޢޫދީ‏ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޙުވަންތަ ގުޅުމުގެ މައްޗައް އަލިއަޅުއްވާލަވަމުން، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.


 


މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ‏ސަޢޫދީ‏ ޢަރަބިއްޔާއަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެހީތެރިވަމުން އަންނަ ބައިވެރިއެއްކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ސަޢޫދީ‏ ޢަރަބިއްޔާއަށް ވަޑައިގަތުމުން ދެންނެވި ހޫނު މަރުޙަބާއަށާއި، ދެއްވި މެހެމާންދާރީއަށް ސަޢޫދީ‏ ރަސްގެފާނަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ ދުނިޔެއިން ޓެރަރިޒަމް ނައްތާލުމައްޓަކައި، ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރާއްޖޭގެ ފަރާތުން ފުރިހަމަޔަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.


 


ސަޢުދީ ޢަރަބިއްޔާގައި މިއަދު ކުރިޔައްދިޔަ ރަސްމީ ވާހަކަފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި، ސަޢޫދީ‏ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުން ކުރިން ނުވާހާ ވަރުގަދަވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކޮށްދެއްވި ކަމަށްޓަކައި ސަލްމާން ރަސްގެފާނަށް، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ.


 


މި ބައްދަލުކުރެއްވުމުގައި ސަޢޫދީ‏ ރަސްގެފާނު ފާހަގަކުރެއްވި ގޮތުގައި، ސަޢޫދީ ޢަރަބިއްޔާއިން ބަލަހައްޓަމުންގެންދާ މާތް ދެ މިސްކިތް ބެލެހެއްޓުމުގެ މަތިވެރި ޒިންމާއަކީ އެޤައުމަށް ލިބިފައިވާ މަތިވެރި ޝަރަފެކަމުގައި ވިދާޅުވިއެވެ.


 


މި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢުދީގެ ރަސްގެފާނަށް ރާއްޖެ އައުމަށް ދަޢުވަތު ދެއްވާފައެވެ. އަދި، ސަލްމާން ރަސްގެފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތު ޤަބޫލުފުޅުކުރައްވާ، ދެޤައުމަށް ފަސޭހަފުޅު ވަގުތަކު ރާއްޖެ އައުމަށް ނިންމަވާފައެވެ.


 


މި ބައްދަލުކުރެއްވުމުގައި ދިވެހި ވަފުދުގެ ފަރާތްޕުޅުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.


 


 

މިއަދު އޮންލައިން