ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު އުފުލެނީ- ސަރަހައްދުގަ އަދިވެސް އެންމެ އަގު ހެވީ ރާއްޖޭގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު އުފުލެނީ- ސަރަހައްދުގަ އަދިވެސް އެންމެ އަގު ހެވީ ރާއްޖޭގަ!

ބައިނަލްއަޤްވާމީ ތެލުގެ ބާޒާރުގައި ތެލުގެ އަގުދަނީ އުފުލެމުންނެވެ. އެހެންކަމާއިއެކުވެސް އަދިވެސް މިސަރަހައްދުގައި ތެލުގެ އަގު އެންމެ ހެވީ ރާއްޖޭގައެވެ.
ރާއްޖެއަކީ ތެލުގެ އެކަށީގެންވާ ސްޓޮކެއް ރައްކާކުރެވޭނެ ގޮތް އަދި ނެތް ޤައުމަކަށްވުމުން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލަށް އަންނަމުންދާ ބަދަލުގެ އަސަރު އެންމެ ބޮޑަށް އަދި އެންމެ އަވަހަށް ކުރާނެ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ.

އެކަމުން ސަލާމަތްވުމަށް މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެސްޓީއޯ އިން މިހާރުވެސް ވަނީ ރާއްޖޭގައި ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށައިފައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރު މިއަދުނޫހަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކޮށް އެކުންފުނިން ވިއްކަމުން ގެންދަނީ ވަރަށް ކުޑަ "މާޖިނެއް" ލައިގެން ކަަމަށެވެ. ޚާއްޞަކޮށް ސްޓެލްކޯ، ފެނަކަ އަދި އެނޫންވެސް ކުންފުނިތަކަށާއި މަސްވެރިންނަށް ތެޔޮ ވިއްކަމުން ގެންދަނީ ހަމަ ކިރިޔާ ދައުރު ކުރެވޭވަރުގެ ކުޑަ ފައިދާއެއް ލައިގެން ކަމަށެވެ.

"އެެހެންވީމާ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލު ރާއްޖޭގައި ވެސް އަންނާނެ. އެއީ އަބަދުވެސް އެކަން ހިނގަމުން އަންނަ ގޮތް. ނަމަވެސް މިހާރު ވަރަށް ބޮޑު ތަފާތެއް އޮންނާނެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް މިހާރު ތެޔޮ މިވިއްކަނީ ވަރަށް ކުޑަ ފައިދާއެއްގަ. އެހެންވީމާ ނިޞްބަތުން އަގަށް އަންނަ ބަދަލުވެސް ކުރިއަށްވުރެ ވަރަށް ބޮޑަށް ކުޑަވާނެ."

އަންނަ ޖަނަވަރީ މަހުން ފެށިގެން ތެޔޮ އުފައްދާ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން އެއްބަސްވެ އެކަން އިއުލާނުކުރި ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އަންނަނީ އުފުލެމުންނެވެ.

ބައެއް ޤައުމުތަކުގައި ތެލުގެ އަގު މިހާރުވެސް ވަނީ 5 އިންސައްތަ އާއި 7 އިންސައްތަ އާއި ދެމެދުން އުފުލައިފައެވެ. ޔޫއޭއީ އާއި ސައުދިއަަރަބިޔާ ފަދަ އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމުތަކުންވެސް ގެންދަނީ ތެލުގެ އަގު އުފުލަމުންނެވެ.

އިއްޔެ ނެރެފައިވާ ރިޕޯޓެއް ބުނާގޮތުން 2018 ވަނަ އަަހަރުގެ ނިޔަލަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އެރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމަށްވާނަމަ އެއީ މިހާރު ހުރި އަގުގެ 45 އިންސައްތަ ބޮޑު އަގެކެވެ.
މިއަދު އޮންލައިން