ރަމަޟާންމަހަށް ބޭނުންވާ ތަކެތި ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރަމަޟާންމަހަށް ޚާއްޞަކޮށްގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ކުރިއަށް ގެންދާ "ކޮންޒިޔުމަރ ފިނޭންސް ޕްރޮގްރާމް" މިއަދު ފަށައިފިއެވެ.
އަންނަ މެއިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެދަށުން މިއަަހަރު ވަނީ 200،000 ރުފިޔާ އާއި ހަމައަށް ތަކެތި ހޯދުމުގެ ފުރުޞަތު އެބޭންކުން ހުޅުވާލާފައެވެ. މި ޕްރޮގްރާމުގެދަށުން ތަކެތި ހޯދޭނީ މި ޕްރޮގްރާމްގައި ބައިވެރިވާ ފިހާރަތަކުންނެވެ. ޕްރޮގްރާމް އިފްތިތާހްކުރީ މިއަދު ހަވީރު ސަންފްރޮންޓްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިޕްރޮގްރާމްގެދަށުން ހޯދާ ތަކެއްޗަށް އަގު ދައްކަން 3 އަަހަރު ދުވަހުގެ މުއްދަތެއް ލިބެއެވެ. މުސާރައަށް 4،000 ރުފިޔާ ލިބޭނަމަ ޕްރޮގްރާމްގެ ދަށުން ކަނޑައެޅިފައިވާ އަދަދަށް ތަކެތި ހޯދުމުގެ ފުރުޞަތު ލިބެއެވެ. 100،000 ރުފިޔާގެ ތަކެތި ލިބެނީ މުސާރައަށް މަހަކު 10،000 ރުފިޔާ ލިބޭ މީހުންނަށެވެ. 200،000 ރުފިޔާގެ ތަކެތި ލިބެނީ މަހަކު 30،000 ރުފިޔާ މުސާރައަށް ލިބޭ މީހުންނަށެވެ.
މިއީ ކޮންމެ އަހަރަކުވެސް ރޯދަމަހަށް ޚާއްޞަކޮށްގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެދަށުން މީގެ ކުރިން ދޫކުރަނީ 100،000 ރުފިޔާގެ ތަކެތި ނަމަވެސް މިއަަހަރު އަދަދު މިވަނީ 200،000 ރުފިޔާއަށް އިތުރުކޮށްދީފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ގެންދަނީ ތަފާތު ކަންކަމުގައި އިސްލާމީ އުޞޫލުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.