މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ ވަނީ 19 އިންސައްތަ އިތުރުވެއްޖެއެވެ.
އެ އިދާރާއިން ބުނީ ޖީއެސްޓީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެ، މިދިޔަ މަހު އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އާއި އެއަރޕޯޓް ސަރވިސް ޗާޖާއި ރެމިޓެންސް ޓެކްސް އަދި ޓޫރިޒަމް ބޭނުންތަކަށް ވިއްކި ބިމަށާއި ޓޫރިޒަމް ބޭނުމަކަށް ބަދަލުކުރި ބިމަށް ދެއްކި ފައިސާއިންނެވެ.
ނަމަވެސް އެއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 3.3 އިންސައްތަ މަދު ޢަދަދެއްކަމަށް ތަފާސް ހިސާބުގައި ވަނީ ބުނެފައެވެ.
މީރާއަށް މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 665.9 މިލިއަން ރުފިޔާ އާއި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 73.3 މިލިއަން ރުފިޔާ އާއި ރެމިޓެންސް ޓެކްސްގެ ގޮތުގައި 10.4 މިލިއަން ރުފިޔާ އާއި ޓޫރިޒަމް ބޭނުންތަކަށް ވިއްކި ބިމަށާއި ޓޫރިޒަމް ބޭނުމަކަށް ބަދަލުކުރި ބިމަށް 65.6 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން މިދިޔަ މަހު 62.3 މިލިއަން ޑޮލަރުވެސް ވަނީ ޓެކްސްގެ ގޮތުގައި ދައްކާފައެވެ. އަދި އެ އިދާރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު މީރާއަށް 4.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.