ސަލްސާ ރެސްޓޯރެންޓެއްގެ ގޮތްޕެއް އޭދަފުށީގައި ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 1މ 22ސ
ސަލްސާ ރެސްޓޯރެންޓެއްގެ ގޮތްޕެއް އޭދަފުށީގައި ހުޅުވައިފި
ސަލްސާ ރެސްޓޯރެންޓެއްގެ ގޮތްޕެއް ބ. އޭދަފުށީގައި ހުޅުވައިފިއެވެ.

މާލޭގައި ރެސްޓޯރެންޓް ހިންގުމާއި ކޭޓަރިންގ ގެ ވިޔަފާރީގައި މަޝްހޫރު ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި "ސަލްސާ ރިޓްރީޓް" ގެ ނަމުގައި ހުޅުވާފައިވާ މި ރެސްޓޯރަންޓަކީ އެރަށުގައި ކުރިން ކޮރަލް ޕާކް ރެސްޓޯރަންޓް ހިންގި ތަން އަލުން ބިޑަށް ހުޅުވާލުމުން، ބިޑް ކާމިޔާބު ކުރުމަށްފަހު، މަރާމާތުކޮށް ހުޅުވި ރެސްޓޯރެންޓެކެވެ.

އޭދަފުށީ ބަނދަރު ސަރަހައްދުގައި ސަލްސާގެ ރެސްޓޯރަންޓްތަކުގެ ކޮންސެޕްޓަށް ހަދާފައިވާ މި ރެސްޓޯރަންޓް ތަރައްޤީކޮށްފައިވަނީ 28 ގޮނޑީގެ ވީއައިޕީ ރޫމަކާއެކު އެންމެ މަތީ ފަންތީގެ މީހުންނަށްވެސް ޚިދުމަތްދެވޭ ފެންވަރަށެވެ. އަދި އެ ރެސްޓޯރަންޓުގައި އެއްފަހަރާ 100 މީހުންނަށް ޚިދުމަތް ދެވޭނެއެވެ.

މާލޭގައި ހުންނަ ސަލްސާގެ ރެސްޓޯރެންޓްތަކުން ލިބޭ ހުރިހާ ޚިދުމަތްތައް މި ރެސްޓޯރަންޓުންވެސް ލިބޭ އިރު، ބޮޑެތި ހަފްލާތަކަށް ކޭޓަރ ކޮށްދިނުމާއި އެފަދަ އިވެންޓުތައް އިންތިޒާމުކޮށްދީ، ޑެލިވަރީގެ ޚިދުމަތްވެސް ދިނުމަށް ވަނީ ނިންމާފައެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ސައި ހިލޭ މި ރެސްޓޯރެންޓުން ލިބޭ އިރު، ސަލްސާ އިންވެސްޓްމެންޓުން ބުނީ އޭދަފުށީގައި އެ ކުންފުނީގެ ރެސްޓޯރެންޓެއް ހުޅުވަން ނިންމީ އެރަށަކީ ކޮންމެ ދުވަހަކުވެސް އެތައްބަޔަކު އައިސްގޮސްވާ ރަށަކަށްވެފައި، ކުޅިވަރުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ރަށަކަށްވާތީ ކަމަށެވެ.
މިއަދު އޮންލައިން