"އުންމީދު ކުރަނީ ސުމޭ ފެންނާނެ ކަމަށް"

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 36ސ
"އުންމީދު ކުރަނީ ސުމޭ ފެންނާނެ ކަމަށް"
އުޑުމަތީ ސާފެވެ. ކަނޑުމަޑެވެ. ވައިރޯޅި ބާރެއްނޫނެވެ. ރޯދަމަހު މެދުރުގެ ހޫނުކަން ކެނޑި ހަވީރު އަތަށް އަޅައިފިއެވެ.

އައްޑީ ސިޓީ ހިތަދޫ، އާބިން، ސުމޭދު މުހައްދު (ސުމޭ) އާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ ސ. ފޭދޫ އަހުމަދު ނާފިއު (ނާއްޕެ) އާއި ހަމަ އެރަށު ހުސައިން ސައީދު (ހުސައިން) ދިޔައީ މަސްބާނަންދާން ތައްޔާރުވަމުންނެވެ.

ޕޮލިހެއްގެ ވަޒީފާ އަދާކުރަމުންދާ ސުމޭއާއި އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ ހުސައިނާއި ނާއިފް މަރަދޫފޭދޫ ބަނދަރުން މަހަށް ފުރީ ރޯދަވީއްލައިގެން އެނބުރި ރަށަށް އަންނަ ގޮތަށެވެ. ސާލެއްހެން ފެތުރިފައިވާ މޫދުގެ ލޮނުގަނޑުމަތީގައި 17 ފޫޓުގެ ޑިންގީ އޭގެ ބާރުސްޕީޑުގައި ދެމެމުން ދެއެވެ. މޯހިރުން އުފައްދަމުންދިޔަ ރާޅުބާނިތަކަށްވުރެ ކުރީގައި އޮވެގެން ޑިންގީ ކުރިއަށް އޮވެދެއެވެ. އޭގައިތިބި ތިން ރޯދަވެރިން ތިބީ ރޯދަމަހުގެ ނުވަވަނަ ރޯދަ ހިފައިގެންނެވެ. ހަވީރު 4:30 އެހައިކަންހާއިރު ފުރި ޑިންޑި މަޑުކޮށްލީ ގަންކަނޑު އޮޅިއަށެވެ.

މަޑުކުރުމަށްފަހު މަސްވެރިކަމާގެން އުޅެން ފެށިއެވެ. އޭރު ޑިންގީ އޮތް ސަރަހައްދާ 200 ވަރަކަށްފޫޓު ދުރުން ބިޔަރާޅުތައް ނަގަމުންދާ މަންޒަރު ޑިންގީގައިތިބި ތިން އެކުވެރިންނަށްވެސް ފެނެއެވެ. އެހެންނަމަވެސް ޑިންގީއޮތީ އެއިން އެއްވެސް ރާޅެއްގެ ހިލަމެއްވާ ހިސާބެއްގައެއް ނޫނެވެ.

ދަތުރުގެ އުފާވެރިކަން ހާސްކަމާއި ހިތާމައަށް ބަދަލުކޮށްލީ ކުއްލިއަކަށްނެގި ރާޅެއް އެއްވެސް ހިފެހެއްޓުމެއްނެތި ކުޑަކުޑަ ޑިންގީގެ ތެރެއަށް ބިންދާލި ހިސާބުންނެވެ. އެހިސާބުން ޑިންގީއާއި ތިންއެކުވެރިންވެސް ރާޅާއެކު އޮޅައިލިއެވެ. އޭގެ ތެރެއިން ހުސައިން ދެތިން ހަތަރު ފަހަރަކު ޑިންގީ ފުށުން ޖަހައި އެއަށް އެރިކަމަށް ބައެއް މީޑީއާތަކުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ބަންޑުންޖަހައިލަނީއެވެ. އެގޮތަށް ރާޅާޖަހަމުން ނުވަތަ ރާޅުގެ ސަބަބުން އުފެދޭ އޮއިވަރާއެކު ހުސައިންނާއި ޑިންގީ ކައިރީގައިއޮތް ފަޅުރަށެއްގެ ފަޅުތެރެއަށް ލެއްގިއެވެ.

އޭރު ނާއްޕެއާއި ސުމޭ މަސައްކަތް ކުރަމުން ގެންދިޔައީ ފުރާނަ ސަލާމަތް ކުރެވޭތޯއެވެ. ނާއްޕެ ބައެއް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަސްބާނަން ތިއްބާ ކުއްލިއަކަށް ރާޅެއްނަގައި ޑިންގީތެރެއަށް ބިންދައިލީ ކަމަށެވެ. އެއާއެކު ޑިންގީ ބަންޑުންވިއެވެ. ހާދިސާ ހިނގިއިރު ހުސައިން ހުރީ ހުންގާނުގައެވެ. ސުމޭހުރީ ދިރުނބާ ކޮޅުގައެވެ. ނާއްޕެހުރީ ފަހަތުގައެވެ.

"ބަންޑުންޖަހާލިއިރު އަހަންނާއި ސުމޭއާ ދެމީހުންތިބީ ކައިރީގައި ޖެހިގެން. ސުމޭގެ ގައިގައި ހިފައިގެންވެސް މައޮތިން. ސުމޭ މަގޭ ގާތުބުނި ތިމަންނަގެ ފަޔަށް ތަދުވަނީޔޭ. ފައިދަމަނީއޭ ނުބުނޭ. ނާރު ދެމިނަމަ ސުމޭއަށް އެނގޭނެދޯ ބުނަން ނާރު ދެމީއޭ،" ނާއްޕެ ބުނެފައިވެއެވެ.

އޭނާއަށް ގަބޫލުކުރެވެނީ ޑިންގީ ބަންޑުން ޖަހައިލިވަގުތު ސުމޭގެ ފަޔަށް ކޮންމެވެސް އަނިޔާއެއްވީ ކަމަށެވެ. އެއީ އެވަގުތު ހުސައިންގެ ބޯވެސް ތަނެއްގައި ޖެހި ފަޅައިގެން ގޮސްފައިވާތީއެވެ. ސުމޭއާއި ނާއްޕެ ވާހަކަ ދައްކަން ތިއްބާ އިތުރު ރާޅެއް ނެގިއެވެ. އެރާޅުގަނޑުގެ ތެރޭގައިވެސް އެދެމީހުން އޮޅައިލިއެވެ. އަދި ރާޅުމައިތިރިވިއިރު ދެމީހުން ތިބީ ފުދޭވަރަކަށް ދުރުވެފައެވެ.

"އެ ރާޅުގެ ސަބަބުން ގާތްގަނޑަކަށް ސުމޭއާއި މަށާ ދެމެދު ތިރީހަކަށްފޫޓަށް ދުރުކޮށްލި. އެހިސާބުން އެންމެފަހަރަކުވެސް ހީއެއްނުކުރަން ސަލާމަތްވާނެ ކަމަށް. މަބުނިން މިއީ ހިތްވަރު ދޫކުރުމުގެ ބަދަލުގައި ހިތްވަރު ކުރަންވީ ވަގުތޭ. އެކަމަކު ސުމޭގެ ފަޔަށް ތަދުވެފައިހުރީމާ އޭނާވަނީ ވަރަށް ބޮޑަށް ބިރުގަނެފައި. މަވެސްހުރީ މިޔަރެއް އައިސް ދަތްއަޅާފާނެތީ ބިރުގަނެފައި. ސުމޭގާތު ބުނިން ރެސްޓް ކުރަމުން މަޑުމަޑުން ފަތަމުން އަންނާށޭ،" ނާއްޕެ ކިޔައިދީފައިވެއެވެ.

އޭރު ފަރާ ފުދޭވަރަކަށް ކައިރިއެވެ. ހުސައިންވަނީ ކައިރީގައިއޮތް ފަޅުރަށުގެ ފަޅަށް ވަދެވި ސަލާމަތުގެ އައްސޭރިއަކަށް ދެވިއެވެ. އެހެން ކަމުން ނާއްޕެއާއި ސުމޭ އުންމީދު ކޮށްގެންތިބީ ހުސައިން އެމީހުން ނަގަން އަންނާނެ ކަމަށެވެ.

ކަނޑުވެފައިވާ ދެއެކުވެރިން އެކަކު އަނެކަކަށް ފެނެއެވެ. އެކުވެރިޔާ އޮޔާދަނީއެވެ. އަމިއްލަ ލޯމަތިންނެވެ. "ސުމޭއާ އަހަންނާ ދެމީހުން ދުރަށް ދިޔުމުން ވަރަށްވީކުވި. ލޯމަތިން ސުމޭ މިއޮތްދަނީ. ސުމޭ ކުރިމަތިން މަ މިދަނީ. އެހެންވީމާ އެވީކްނެސް ސުމޭގެވެސް ހުންނާނެ. އެވަރުންވެސް ބުނިން ސުމޭއޭ ހިތްވަރު ދޫނުކުރާށޭ. ސުމޭ ގާތު ބުނިން މަށަށް ގޮވާށޭ. މަވެސް ސުމޭއަށް ގޮވާނަމޭ. އޭރުން ދެމީހުންދެމީހުންނަށް ތިބިކަން އެނގޭނެ ނޫންހޭ. ސުމޭ މަށަށް ގޮވާ ނާއްޕެއޭ ކިޔާފައި. މަވެސް ސުމޭއަށް ގޮވަން. އެގޮތަށް ގޮވަމުން ދެމީހުންވެސް ޝަހާދަތްކިޔައިގެންތިބީ. އެހެން ތިއްބައި ސުމޭގެ އަޑު ކެނޑުނު. އޭގެ ފަނަރަވަރަކަށް މިނެޓުފަހުން ވަރަށްބާރަށް ނާއްޕޭޔޭ ކިޔާފައި ގޮވި. މަބުނިން ސުމޭ އެބަހުރިދޯއޭ،" ނާއްޕެ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ ސުމޭގެ ޚަބަރެއްނުވެ ދިޔަ ވަގުތުކޮޅުގައި ވަރަށް ކަންބޮޑުވި ކަމަށެވެ. ސުމޭ ގޮވީމައި "މަބުނިން ސުމޭއޭ މަ މިއޮތީއޭ. ސުމޭ ކޮބާހޭ؟ އެވަގުތު ބޯހިއްލާ ބަލައިލުމުން މަށަށް ސުމޭ ފެނުނު. އެފަހުން މަށަށް ނުފެނޭ" އޭނާ ބުނި ކަމަށް އެއޯނިއުސްގައި ބުނެފައިވެއެވެ.

ސުމޭގެ އަޑަށްފަހުވެސް ނާއްޕެ ދިޔައީ ފަތަމުންނެވެ. އެންމެފަހުން ކަނޑުންނެގި ރާޅަކާއެކު އޭނާއަށް ފަރުމައްޗަށް އެރުނެވެ. އޭނާ ބުނެފައިވާ ގޮތުން އެއީ އޭނާގެ މޮޅުކަމުންވީކަމެއް ނޫނެނެވެ. އެއީ ރާޅުގެ ސަބަބުންވީ ކަމެކެވެ.

ފަރުމައްޗަށް އެރުމުންވެސް ވަރަށްގިނަފަހަރަށް އޭނާ ސުމޭއަށް ގޮވިއެވެ. އެހެންނަމަވެސް ހިލަމެއް ނުވިއެވެ. އެހެންހުއްޓައި ބޮޑު ރާޅެއް އައުމުން ދުއްވައިގަތީ އެއްގަމާވީ ކޮޅަށެވެ. އެއީ އެރާޅުގެ ސަބަބުން އޭނާ ވެއްޓި އަނިޔާއެއް ލިބިދާނެ ކަމުގެ ބިރަށް ކަމަށްވެސް ބުނެފައިވެއެވެ.

ކަނޑުމަތީގައި ސުމޭވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅު ބަލައިދިނުމަށް ނާއްޕެއާއި ހުސައިނާއި ނާއްޕެއާ ދެމީހުންގެ ގާތުން އެދިފައިކަމަށްވެސް ނާއްޕެ ބުނެފައިވެއެވެ.

އަދިވެސް ސުމޭއެއް ނުފެނެއެވެ. އެކަމަކު އަދިވެސް ހޯދަނީއެވެ. ފުލުހުން ބުނެފައިވަނީ މިހާތަނަށް ކޮށްފައިވާ ތަހުގީގަށް ލޯންޗު ބަންޑުންޖަހާލީ ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށެވެ. އެންމެންވެސް އުންމީދު ކުރަނީ ސުމޭ ސަލާމާތުން ހުއްޓައި ފެންނާނެ ކަމަށެވެ. އެންމެންވެގެން ސުމޭއަށް ހެޔޮދުއާ ކޮށްދޭށެވެ.
މިއަދު އޮންލައިން