ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ފަސްކޮށްފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ޖުލައި 16 އަށް ފަސްކޮށްފައިވާ ކަމަށެވެ.
މިގޮތަށް މި ހަމަޖެއްސީ މިއަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅާ ސުންގަޑި އަންނަނީ ފިތުރު ޢީދު ބަންދާ ގުޅިގެން ކަމަށް ވާތީ، ޓެކްސްބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކޮށް ނިންމުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުންކަމަށް މީރާއިން ބުންޏެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ ބޭނުމަށް ކުންފުނިތަކުން 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހޭ ސުންގަޑިވެސް ވަނީ 16 ޖުލައި 2017 އަށް ފަސްކޮށްފައެވެ.
އެހެންކަމުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ އެންމެހައި ފަރާތްތަކުން މިފުރުޞަތުގެ ބޭނުންކޮށް 16 ޖުލައި 2017 ގެ ކުރިން ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ނިންމުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑީގެ އިތުރުން ޖުލައި މަހުގެ ތެރޭގައި 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑިވެސް އާދެއެވެ. އެއީ 31 ޖުލައި 2017 އެވެ.
2016 ވަނައ އަހަރުގެ ބީ.ޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި 16 ޖުލައި 2016 އަށް ފަސްކުރި ކަމުގައި ވިޔަސް 2017 ވަނަ އަހަރުގެ މެއި މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ 2 ޖުލައި 2017 ކަމުގައިވެސް މީރާއިން މަޢުލޫމާތު ދެއެވެ.