ފާއިތުވި ރޯދަމަހުގެ ފަހުދިހައިގައިވަނީ އެކްސިޑެންޓްތައް އިތުރުވެފައެވެ. އެކަން ހައްލުކުރުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މިފަދަ ކަންކަން ހައްލު ކުރެވޭނީ ލައިސަންސް ނަގަން ފަރިތަކުރަން ފަށާ ހިސާބުން ފެށިގެން ލައިސަންސް ހިފައިގެން ދުއްވަން ނުކުންނަ މީހާއި މަގުހިނގާމީހާއި އަދި ފުލުހުންވެސް އެންމެންގެ ޒިންމާ ފުރިހަމައަށް އަދާ ކުރެވިގެން ކަމަށެވެ.
ފުލުހުންގެ ޒިންމާއަކީ މީހުން ހޭލުންތެރި ކުރުމާއި މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމެވެ. ދުއްވާ މީހާގެ ޒިންމާއަކަށްވާނީ ގަވާއިދާ އެއްގޮތަށް ވިސްނައިގެން ދުއްވުމެވެ. ލައިސަންސްދޭ ފަރާތުގެ ޒިންމާއަކީ ލައިސަންސްދޭ ވަރަށް އެމީހަކަށް ތިއަރީއާއި، ދުއްވުމުގެ ބައި އެނގޭތޯ ކަށަވަރު ކުރުމެވެ.
އަލީ ވިދާޅުވީ މަގުމަތީގައި ވަރަށް ނުފަރިތަމީހުންވެސް އެބަ ދުއްވާ ކަމަށެވެ. އެފަދަ މީހުންނަށް އެހެން އެއްޗެއް ފެނިގެން ބިރުގަތުމުގެ ސަބަބުންވެސް ބައެއްފަހަރު އެކްސިޑެންޓްވެފައި އެބަހުއްޓެވެ. މަގުގައި ހިނގާމީހުން ގަވާއިދާ އެއްގޮތަށް މަގުމަތީގައ ހިނގާބިނގައި އުޅެންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫގެ ބައެއް މަގުތަކުގައި ޑަބަލްޕާކިން ކޮށްގެންވެސް އެކްސިޑެންޓުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ އެކްސިޑެންޓްތައް މިހާރުވަނީ މަދުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ޝަރީފް ވިދާޅުވީ އެންމެ ގިނައިން އެކްސިޑެންޓް ހިނގާ އެއްތަނެއްގެ ގޮތުގައި މިހާރު ފާހަގަ ކުރެވެނީ މަރަދުއަށް އަރާ ސަރަހައްދުގައި އޮންނަ ގުދު ނުވަތަ ބެންޑު ސަރަހައްދު ކަމަށެވެ. އެހެންވެ އެމްއާރުޑީސީއާ ގުޅިގެން އެތަނުގައި ދަވާދު ލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫސިޓީ ޕޮލިހުން މިހާރު ގެންދަނީ މަހަކު އެއް ފަހަރު "ދިވިލިމަތަ" ގެ ނަމުގައި ޓްރެފިކާ ބެހޭ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ފާއިތުވި ތިންމަހު މިހާރުވަނީ ތިން އޮޕަރޭޝަން ހިންގައިފައެވެ.