ހަމައެކަނި ބޭނުމަކީ ކަންކަން އިޞްލާޙްކުރުން- ވަކި މީހަކު ވެރިކަމަށް އިސްކުރުމެއް ވަކިކުރުމެއް ނޫން: ރައީސް މައުމޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ހަމައެކަނި ބޭނުމަކީ ކަންކަން އިޞްލާޙްކުރުން- ވަކި މީހަކު ވެރިކަމަށް އިސްކުރުމެއް ވަކިކުރުމެއް ނޫން: ރައީސް މައުމޫން
އިދިކޮޅު ކޯލިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ހަމައެކަނި ބޭނުމަކީ ޤައުމުގެ ކަންކަން އިޞްލާޙްކުރުން ކަމަށާއި ވަކި މީހަކު ވެރިކަމަށް އިސްކުރުމެއް ނުވަތަ ވަކި މީހަކު ވެރިކަމުން ވަކިކުރުން ނޫން ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ބޭނުމަކީ ޤައުމަށް ހެޔޮ ގޮތްތައް ހޯދައިދިނުމާއި ޤައުމަށް ބޭނުންވާ ޚިދުމަތްތައް ހޯދައިދިނުން ކަމަށެވެ.

"ގިނަ ބައަކު މިއަދު އުޅެނީ ހިތްހަމަނުޖެހުމާއި ނާމާންކަމާއި ބިރުވެރިކަމުގެތެރޭގަ. ހަމަ ކޮންމެ ވަގުތަކުވެސް ކަމެއް ދިމާވެދާނެ. މުއައްސަސާތަކަށް އޮންނަ އިތުބާރު ވަރަށް ކުޑަވެއްޖެ. ޤާނޫނާ އެއްގޮތަށް ކަންތައްތައް ދާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް."

ރައީސް މައުމޫން ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި މަޖިލީހުގެ މެންބަރަކު ސޮއިކުރެއްވުމަށްފަހު ސޮއި ނުކުރައްވާކަމަށް އެވިދާޅުވަނީ އެމެންބަރަކަށާއި މެންބަރުގެ ޢާއިލާއަށް ކުރިމަތިވެދާނެ މައްސަލަތަކުގެ ބޮޑުކަމުން ކަމަށެވެ. އެހެންވެ ސޮއިކުރެއްވި ގޮތަށް ވިދާޅުވަން ކެރިވަޑައިނުގަތީ ކަމަށެވެ. "މަޖުބޫރުވީ އެހެން ގޮތަކަށް ހައްދަވަން. އެއީ މިދަންނަވާ ބިރުވެރިކަމަކީ."

ރައީސް މައުމޫން ވިދާލުވީ ރާއްޖެއަކީ ބިރުވެރިތަނަކަށް ވުމަށް އެކަކުވެސް ބޭނުން ނުވާ ކަމަށާއި އެންމެންވެސް ބޭނުންވަނީ ރާއްޖެއަކީ ޞުލްޙަވެރި އަމާން ތަނަކަށް ވުމަށް ކަމަށެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ކުރާ މަސައްކަތެއް މިނިވަންކަމާއިއެކު ކުރެވޭ ތަނަކަށް ވުމަށް ކަމަށެވެ. މިއުޅެވެނީ އެމަސައްކަތުގައި ކަމަށެވެ.

ރާއްޖޭގެ ކަންކަން އިޞްލާޙްކުރެއްވުމަށް ޤާސިމް އިބްރާހީމް ފެށުނީންސުރެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި އިޞްލާޙީ މަސައްކަތްތަކަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ރައީސް މައުމޫން ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން