އައްޑޫސިޓީ ގައުކެނޑި ސަރަހައްދުގައި ހުރި "ގައުކެނޑި ޗެކްޕޯސް" އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމަސައްކަތް ކުރަމުން ގެންދަނީ ފަޒާ ބިޒްނަސް އިންވެސްޓްމެންޓުންނެވެ. އެ ކުންފުންޏާ އެމަސައްކަތް ހަވާލުކުރީ އައްޑޫސިޓީ ކައުންސިލުންނެވެ. އެތަން މަރާތުކުރަނީ ފުލުހުންގެ ބޭނުމަކަށެވެ. އެތަން މަރާމާތު ކުރުމަށްފަހު ފުލުހުން އެތަން ބޭނުންކުރާނީ ޓްރެފިކް ބަލަހައްޓާ މައިތަނުގެ ގޮތުގައެވެ.
މީގެ ކުރިންވެސް ފުލުހުން އެތަން ބޭނުންކުރިއެވެ. އެހެންނަމަވެސް ތަފާތު މައްސަލަތަކާ ހެދި ފުލުހުންވަނީ އެތަން ދޫކޮށްފައެވެ. އެފަހަރު ދިމާވި އެންމެބޮޑު އެއްމަސަލައަކީ ކަރަންޓުގެ މައްސަލައެވެ. އެތަނުގެ މަރާމާތުގެ މަސައްކަތަށްފަހު އެތަނަށް ކަރަންޓުލުމަކީ ކުޑަކަމެއް ނޫނެވެ.
ފުލުހުން އުންމީދުކުރަނީ އިޔާދަކުރަމިވި ހަކަތަ ބޭނުންކޮށްގެންނަމަވެސް އެތަނަށް ކަރަންޓު ލިބޭނެ ގޮތެއް މެދުވެރިވުމެވެ.
އައްޑޫސިޓީ ކައުންސިލިން ވިދާޅުވެފައިވަނީ އެ ޗެކްޕޯސްޓަށް ފުލުހުން ބަދަލުވުމުން އެސަރަހައްދުގެ ސެކިޔުރިޓީވެސް ފުލުހުން ބަލަހައްޓައިދޭނެ ކަމަށެވެ. އެ ސަރަހައްދަކީ ވަރަށްގިނަ މީހުން މޫދަށް އެރުމާއި މަސްބޭނުމަށް ބޭނުންކުރާ ސަރަހައްދެކެވެ.