ޝަރީއަތްތަކާއިމެދު އުންމީދުކުރަންޖެހޭނީ ޢަދުލާ އިންސާފުގެ ތެެރެއިންދާނެކަމަށް ކަމުގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިމޭރުމުން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޙާލުކޮށް ބައްލަވައިލެއްވެވުމަށް ރައީސް މައުމޫން މިއަދު މެޑިކާއަށް ކުރެއްވި ޒިޔާރަތަށްފަހު ނުކުމެވަޑައިގަތުމުން އިދިކޮޅު ފަރާތްތަކާއިމެދު ކޯޓުތަކުގައި ކުރިއަށް ގެންދާ ޝަރީއަތްތައް އަދުލުވެރިކަމާއިއެކު ނިމިދާނެކަމަށް ޤަބޫލުފުޅުކުރައްވަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ އެއީ ވަކި އެއްޗެއް (ބަސްފުޅެއް) ވިދާޅުވަން ވަރަށް ދަތިފުޅު މައްސަލައެއް ކަމަށެވެ. "އެހެންވީމާ ޝަރީއަތް ނިމޭ ގޮތަކުން އެނގޭނީ. އެއިގެ ކުރިއަކު އެއްޗެއް ދަންނަވާކަށް ނުއެނގޭ."
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސްޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ އެކަމުގައި ސުވާލު އުފެދޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. "މިހާރު އެއޮތް ގޮތް އަޅުގަނޑުމެންނަކަށް ރަނގަޅެއް ނޫން. އެކަންކަން އިސްލާޙްކުރަން މަސައްކަތް މިކުރަނީ. ފަހަރެއްގާ ވެސް ސްޕްރީމް ކޯޓާ ދެކޮޅަށް އެއްޗެއް ބުނަނީއެއް ނޫން. އެބޭފުޅުންނަށް އިޙްތިރާމްކުރަން."
ރައީސް މައުމޫން ވިދާޅުވީ ޤާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެނިންމުމުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށް ކަމަށާއި ޚިޔާލަކީ ތަފާތު އެއްޗެއް ކަމަށެވެ.