ދިހިވެހި ހުރިހާ ރައްޔިތުންވެސް މިހާރުތިބީ ބޮޑު ބިރުވެރިކަމެއްގެތެރޭގައި ކަމަށާއި ޤައުމުން ބިރުވެރިކަން ނައްތާލައި އަދި ޤައުމަށް ޢާންމުވެފައިވާ ކޮރަޕްޝަނާއި ވައްކަން ވެސް ހުއްޓުވާނެ ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މާލަމުގައި މިރޭ ބޭއްވި އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ސުލޫކީ މައްސަލައެއްގައި މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކުރި ނަމަވެސް މެންބަރުގެ ގޮނޑި ނުގެއްލޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ސްޕްރީމް ކޯޓުގެ އަމުރުގައި ވެސް ވަނީ ޤާނޫނާއި އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރަކު ވޯޓުދޭ ގޮތަކުން ގޮނޑި ނުގެއްލޭނެ ކަމަށާއި ގޮނޑި ގެއްލޭނެ ކަމަށް ބުނި ނަމަވެސް އެއީ ދޮގެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދެކޮޅަށް ނަގާ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުކުރެވޭނެ ކަމަށާއި އެވޯޓު ކާމިޔާބުކުރެވުމުން ޤައުމުގައި ދެން ހުރި ކަންކަން އިޞްލާޙްކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. އެކަމަށްޓަކައި ކަންކަން ކުރަންވީ ގޮތް އިދިކޮޅު 4 ޕާޓީން މިހާރުވަނީ ރާވައި އެއްބަސްވެ ނިމިފައި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުރިހާ ސަފީރުންވެސް ތިއްބެވީ އިޞްލާޙީ މަސައްކަތްތަކަށް ތާއީދުކުރައްވައިގެން ކަމަށާއި އެބޭފުޅުން ރައީސް މައުމޫނާއި ގުޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަމަކުން ޤައުމުގެ އަގު ނުވެއްޓޭނެ ކަމަށާއި ރައްޔިތުން ތިބިގޮތް ބޭރު ޤައުމުތަކަށް ރަނގަޅަށް އެނގޭ ކަމަށެވެ.
އިދިކޮޅު 4 ލީޑަރުންގެ ތެރެއިން 3 ލީޑަރުން މިވަގުތު ތިއްބެވީ ތަފާތު ހާލަތްތަކުގައި ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންދެވެނީ 4 ލީޑަރުން ގުޅިވަޑައިގެން ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.