ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ޤާނޫނީ ޙުކޫމަތު ހިނގަމުން ނުދިއުން ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ޤާނޫނީ ހުކޫމަތު ދެމެހެއްޓުމަކީ އެންމެންގެ މައްޗަށް އެއްހަމައަކުން ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި ކަންކަން ކުރަމުން ގެންދަނީ އެއުޞޫލުން ނޫން ކަމަށެވެ.
"ޑިމޮކްރަސީގެ އަސާސަކީ ޤާނޫނީ ހުކޫމަތު ނަގަހައްޓައި ދެމެހެއްޓުން. އެހެންވީމާ ރާއްޖޭގައި މިހާރަކު ޑިމޮކްރަސީއެއް ނެތް."
ރައީސް މައުމޫން ވިދާޅުވީ ބޭސްފަރުވާ ކުރުމަކީ ކޮންމެ އިންސާނަކަށް ވެސް ލިބެންޖެހޭނެ އެންމެ އަސާސީ ހައްޤު ކަމަށާއި އެހެންކަމާއިއެކު ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އޭޑީކޭ ހޮސްޕިޓަލްގައި އެ އޮންނަވަނީ ބެސްފަރުވާ ކުރެއްވުމުގެ ހައްޤުން މަޙްރޫމްކުރެވިފައި ކަމަށެވެ. އެއީ އެއްވެސް މީހަކާއިމެދު އަމަލުކުރެވިގެންވާނެ ގޮތެއް ނޫން ކަމަށެވެ.
ރައީސް މައުމޫން ވަނީ ފުލުހުންގެ ތަޙްޤީޤް ކުރުމާއި ޝަރުޢީ ނިޒާމުގެތެރެއިން ކަންކަން ހިނގަމުންދާ ގޮތާއިމެދު ވެސް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.
ރައީސް މައުމޫން ވިދާޅުވީ ފާރިޝް މައުމޫން ބަންދުކޮށް ބަންދުގައި ބަހައްޓަނީ ޖިނާޢީ އިޖުރާތުގެ ޤާނޫނާއި ޚިލާފަށް ކަމަށެވެ. "އަޅުގަނޑު އުފާކުރަން ފާރިސް ދިރިއުޅުއްވާތަނުން ޖެޓެއް ނުފެނުނީތީ. ޖެޓެއް ފެނުނު ނަމަ ފިސްތޯލައެއް ފެނިގެން ހުކުމް އިއްވިފަދައިން ހުކުމް އިއްވާނެ."
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ މެންބަރުން އިންތިޚާބުކޮށްފައިވާ އެޕާޓީގެ ރައީސް ކަމަށާއި އެ މަޤާމު ގެއްލޭނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. "2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ރައީސް ޔާމީނަށް ތާއީދުކޮށް ވަރަށް ބުރަކޮށް ކެންޕޭނު ކުރިން. އެއީ ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަމަށްވާތީ. އެ މަސައްކަތް ކުރެވުނީތީ އަޅުގަނޑު މިއަދު ވަރަށް ބޮޑަށް ހިތާމަކުރަން. ރައްޔިތުންގެ ކިބައިން މާޢާފަށްވެސް އެދެން."
ރައީސް މައުމޫން ވަނީ އަދުލުވެރިވުމުގައި އެންމެންނަށް ހަމަހަމަ އުޞޫލަކުން އަމަލުކުރުމަށާއި އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށް އިލްތިމާސް ކުރައްވައިފައެވެ.