ހިތްހަމަ ނުޖެހޭ މީހާއަށް ކުޑަ ކެކުރި، ހިތްހަމަޖެހޭ މީހާއަށް ބޮޑު ކެކުރި ބަހާ އުޞޫލުން ޤައުމުގެ ވެރިކަން ނުކުރުމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ސަރުކާރުން މައްސަލަތައް ބަލައި މީހުންނާއިމެދު ފިޔަވަޅު އެޅުމުގައި ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޝްވަތުގެ ފައިސާތައް ގޯނިގޯނީގައި ބެހިކަމަށް މަޖިލީހުގަ އާއި ޓީވީ ޗެނެލްތަކުގައި އެއްބަސްވި މެންބަރުގެ މައްސަލަ އަދިވެސް ނުބަލާ ކަމަށެވެ. އަދި އެކަމަކީ އަމިއްލައަށް އިއުތިރާފްވެފައިވާ ކަމަކަށްވާތީ އިތުރަށް ކުރަންޖެހޭނެ ތަޙްޤީޤެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި ކުރަން ޖެހޭނެ ކަމަކީ އޭނާއަށް ހުކުމްކުރުން ކަމަށެވެ.
"ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރާކަމަށް ބުނަމުންދާ މެންބަރު އެވަނީ ޖަލުގަ ބަންދުކޮށްފަ. އޭނާ އެފަދަ ކަމެއް ނުކުރާ ކަމަށް މެންބަރުން ވެސް ވަނީ ބުނެފަ."
ރައީސް މައުމޫން ވިދާޅުވީ ޤައުމުގައި ވަލިއްޔުލްއަމުރަކު ހުންނަވަނީ ޤާނޫނު އަސާސީއެއް ނުއޮންނައިރު ކަމަށެވެ. ރާއްޖޭގައި މިހާރު ވެރިކަން ކުރަނީ ޤާނޫނު އަސާސީއަކަށް ކަމަށް ވުމުން ރާއްޖޭގައި މިހާރު ވަލިއްޔުލްއަމުރަކު ނުހުންނަވާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވެރިކަން ކުރަން ޖެހޭނީ ޤާނޫނު އަސާސީ އާއި އެއްގޮތަށް އަދި އެންމެންގެ މެދުގައި ހަމަހަމަ އުޞޫލަކުން ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.