ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާން އަޙްމަދު މަޚްލޫފް ވިދާޅުވީ މިރޭގެ ޖަލްސާ ބޭއްވުމަށް މ. ކުނޫޒު ހުންނަ މަގު، ފަނޑިޔާރު މަގުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދިނުމަށް ފުލުހުންނަށް އެދިފައިވާ ކަމަށެވެ.
މިކަމާއިގުޅިގެން ފުލުހުން ބުނެފައިވަނީ ހައުސިންގ މިނިސްޓްރީގެ އެންގުމުގެ މަތިން ކުރިއަށް ގެންދިއުމުން ހުއްދަލިބޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައިވެސް ފުލުހުން ވަނީ ސަލާމަތީ ކަންކަން ބަލަހައްޓައިދީފައި ކަމަށާއި އެހެންވެ، މިރޭވެސް އެގޮތަށް ކަންތައްކޮށްދިނުމަށް އެދޭ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި މިރޭ 21:15 ގައި ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސް މައުމޫން ވާހަކަ ދެއްކެވުމަށް ވަނީ ނިންމާފައެވެ.