ރައްޔިތުންގެ މަޖިލިސްކުރާގެ އަކީ މެންބަރުންގެ ގެ ކަމަށާއި މެންބަރުންގެ ގެއަށް މެންބަރުންނަށް ނުވަދެވޭ ވަގުތެއް އޮވެގެން ނުވާނެ ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ އިނގިރޭސި ވިލާތް ފަދަ ބައެއް ޤައުމުތަކުގައި ރައްޔިތުންގެ މަޖިލިސް ކުރާ ތަނަށް ކިޔަނީ ގެ (ހައުސް އޮފް ކޮމަންސް ފަދަ) ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލިސްކުރާތަނަކީ މެންބަރުންގެ ގެކަން އެނގިގެންދާ ކަމަށެވެ.
އެހެންކަމާއިއެކުވެސް މިހާރު މިފެންނަނީ މެންބަރުންތަކެއް އެމީހުންގެ ގެއަށް ވަދެގެން ބަންދުކޮށް ޝަރީއަތްތައް ހިންގާތަން ކަމަށް ވުމުން އެކަންކަމަކީ "ހެއްވާ" ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
ކަންކަމަށް އޮންނަ ޤަވާއިދުތައް ކުއްލިކުއްލިއަށް ބަދަލުކުރަމުންގެންދާ މައްސަލައިގައިވެސް ރައީސް މައުމޫން ވަނީ ފާޑު ވިދާޅުވިއެވެ.
"ފުޓްބޯޅަ މެޗެއް ކުޅެން ފަށައި ކަނާއަތު ފައިން ޖަހައި ގޯލެއް ވެއްދީމާ ޤަވާއިދު މި ބަދަލުކުރަނީ ކަނާއަތު ފައިން ޖަހައި ގޯލަށް ނުވެއްދޭނެކަމަށާ ގޯލަށް ވައްދަންޖެހޭނީ ވައަތުފައިން ޖަހައިގެން ކަމަށް. ވައަތުފައިން ޖަހައިގެން ވެއްދީމާ ޤަވާއިދު މިބަދަލުކުރަނީ ވައަތުފައިން ޖަހައި ބޯޅަ ގޯލަށް ނުވެއްދޭނެ ކަމަށާއި ވައްދަންޖެހޭނީ ދެފައިން އެކުގައި ޖަހައިގެން ކަމަށް." ރައީސް މައުމޫން ވިދާޅުވިއެވެ.