މިހާރު މިކުރާ މަސައްކަތަކީ ދުވަހަކުވެސް އަނިޔާވެރި ސަރުކާރެއް ވެރިކަން ނުކުރާނެ ގޮތަށް ކަންކަން ރޭވުން: ރައީސް މައުމޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
މިހާރު މިކުރާ މަސައްކަތަކީ ދުވަހަކުވެސް އަނިޔާވެރި ސަރުކާރެއް ވެރިކަން ނުކުރާނެ ގޮތަށް ކަންކަން ރޭވުން: ރައީސް މައުމޫން
މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ހަމައެކަނި މިހާރު އޮތް "އަނިޔާވެރި" ސަރުކާރު ބަދަލުކުރެއްވުމުގެ މަސައްކަތްޕުޅު ނޫން ކަމަށާއި ރާއްޖޭގައި ދުވަހަކުވެސް ައަނިޔާވެރި ސަރުކާރެއް ވެރިކަން ނުކުރާނެ ގޮތަށް ކަންކަން ރޭއްވެވުން ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ޖަލުގައި ހުންނަވާތާ 1000 ދުވަސް ފާހަގަކުރުމަށް މިރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ އެއްވެސް އިރެއްގައި އަނިޔާވެރި ސަރުކާރެއް ޤާއިމުވުމަށް އެއްވެސް މީހަކު ނުއެދޭނެ ކަމަށާއި ރާއްޖޭގައި ޤާއިމުކުރެވެންޖެހޭނީ އިސްލާމީ ސަރުކާރެއް ކަމަށެވެ. އިސްލާމީ ސަރުކާރެއް ޤާއިމުނުކުރެވޭނަމަ މިހާރު ތަކުރާރުވަމުން މިދާ ކަންކަން ދާނީ ތަކުރާރުވަމުން ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ "އަޅުގަނޑުމެންގެ" ބޭނުމަކީ ދުވަހަކުވެސް ރާއްޖޭގައި އަނިޔާވެރި ސަރުކާރެއް ނުހިންގޭނެ ގޮތަށް ކަންކަން ރޭވުން ކަމަށެވެ. "އެއީ އަޅުގަނޑުމެންގެ ބޭނުމަކީ. ރާއްޖޭގަ ޤާއިމުވާންޖެހޭނީ އިސްލާމީ ސަރުކާރެއް. އިސްލާމީ ސަރުކާރެއްގެ އަސާސަކީ އަދުލުވެރިވުމާ އިޙްޞާންތެރިވުން."

ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ޖަލުގެ ކުޑަގޮޅީގައި 50 ދުވަހު އޮންނެވީ ސަރުކާރުގެ އަނިޔާވެރިކަމުން ކަމަށެވެ. ދަރިކަލުން ފާރިޝް މައުމޫން 191 ދުވަހު ޖަލުގައި އޮންނަވައިފި ކަމަށާއި އަނިޔާވެރިކަން މިދަނީ ސަރުކާރުތަކުގައި ތަކުރާރުވަމުން ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ އިންތިޚާބެއް ބޭއްވޭނެ ކަމެއް، އަދި ބޭއްވުނު ނަމަވެސް ނަތީޖާ "ނުކުންނާނެ" ގޮތެއް ނުއެނގޭ ކަމަށާއި އެހެންކަމުން އޮތީ އިންތިޚާބަށް އިންތިޒާރުކުރުމާއިއެކު އެއިގެ ކުރިންވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނަން މަސައްކަތް ކުރުން ކަމަށެވެ.

"ދެންމެ ކޮންމެވެސް ބޭފުޅަކު ވިދާޅުވި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ކާމިޔާބުކުރާނަމޭ. އެކަމުގަ އަޅުގަނޑުވެސް ބައިވެރިވަން. އަޅުގަނޑުވެސް ވަރަށް އެދޭ ކަމެއް އެއީ. އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި އެއަށްވުރެ އަޅުގަނޑަށް މާ ކަމުދިއަ ވާހަކައެއް. އެއިގެ ކުރިންވެސް ތިމަންނަމެން ބަދަލުކުރާނަމޭ."

ރައީސް މައުމޫން ވިދާޅުވީ އިޞްލާޙީ ބަދަލުތައް ގެނެވޭނީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އެ މެންބަރުންގެ ވާޖިބުތައް އަދާކުރެވޭނެ ގޮތް ހަދައިދީގެން ކަމަށެވެ. މަޖިލީހުގެ ޖަލްސާތަކުން ބޭނުންވާ ކަންކަން ފާސްކުރެވެން ވާނެ ކަމަށެވެ.

ގުޅުންހުރި އޯޑިއޯ:
މިއަދު އޮންލައިން