ޤައުމުގައި ހުރި މައްސަލަތައް އިޞްލާޙްކުރުމުގެ މަސައްކަތްތައް ވީހައި އަވަހަކަށް ރައްޔިތުންގެ މަޖިލީސްތެރެއިން ކުރަން ފަށަންޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދެއްވީ ވަރުގަދަ އިންޒާރެކެވެ.
ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ރޭ ވިދާޅުވީ ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ނުކުރެވޭނެ ކަމަށާއި ޤައުމުގެ ޞޫލްޙަ މަސްލަސްކަން ނަގާލަން އުޅޭ ބައަކަށް ފުލުހުންނާއި ސިފައިން އެފުރުޞަތު ނުދޭނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރަން އުޅޭނަމަ އެބައަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ބަޣާވާތް ކުރަން އުޅުނު ކޮންމެ ބައަކާއި ޤާނޫނު ވަނީ މީގެކުރިންވެސް އަރާ ހަމަކޮށްފައި ކަމަށެވެ. އަދި ބަގާވާތް ކުރަން ސަރުކާރުން ފުރުޞަތުވެސް ނުދޭނެ ކަމަށެވެ.
ރައީސް މައުމޫން ރޭ ކުނޫޒުގައި ދެއްކެވި ވާހަކަފުޅުގައި ވެރިކަން ވައްޓައިލާނެކަމަށް ވިދާޅުވެފައެއް ނުވެއެވެ. ވިދާޅުވީ ރިޔާސީ އިންތިޚާބު ކޮންމެ ދުވަހަކު ބޭއްވި ނަމަވެސް އެކަމަށް ނުބަލައި އިޞްލާޙީ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އެމަސައްކަތްތައް ކުރިއަށް ގެންދެވޭނީ މަޖިލީހުން ވަކިކޮށްފައި ތިބިކަމަށް ބުނާ 12 މެންބަރުންނަށް ވެސް ބާރުދީ، މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން ކަމަށެވެ.
އަދި މަޖިލިސް ފުރިހަމަ ގޮތުގައި ބޭއްވުމުން މަޖިލީހަށް މައްސަލަތައް ހުށަހަޅައިގެން ކަންކަން ފާސްކޮށްގެން ޤައުމުގައި ހުރި މައްސަލަތައް އިޞްލާޙްކުރެވޭނެ ކަމަށެވެ.