ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދިރިއުޅުއްވާ ގެކޮޅުކަމަށްވާ އެންދެރިމާގެއަށް ވެސް ފުލުހުން ވަދެ ބަލައިފާސްކުރަން ފަށައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެއަށް ވަދެ ފުލުހުން ބަލައިފާސްކުރަން ފަށައިފާ މިވަނީ އޭނާގެ ދަރިފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ގެކޮޅު މ.ސްނޯރޯސްއަށް ވެސް ފުލުހުން ވަދެ ބަލައިފާސްކުރަމުން ދަނިކޮށެވެ.
މ.ސްނޯރޯސް ބަލައިފާސްކުރަން ކޯޓުން ނެރެފައިވާ އަމުރުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުތަކަކާ ގުޅިގެން ފާރިސް މައުމޫން ސަރުކާރު ވައްޓާލަން ރާވާފައިވާކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭތީވެ ހެއްކާއި ޤަރީނާ ހޯދުމަށް މ.ސްނޯރޯސް ބަލައިފާސްކުރުމަށެވެ. އެ އަމުރު ކޯޓުން ނެރެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
އެހެން ނަމަވެސް، ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ބަލައިފާސްކުރަން ފުލުހުން ފަށާފައިވާ ސަބަބު އަދި ސާފެއް ނުވެއެވެ.