ކުރީގެ ރައީސް މައުމޫން އާއި ޔުމްނާ މައުމޫން ގެ ފިރިކަލުން މުޙައްމަދު ނަދީމް، މިރޭ ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންގޮސްފިއެވެ.
ފުލުހުން މިރޭ މ. އެންދެރިމާގެ ބަލާފާސްކޮށް ނިމިފައިވާ ކަމަށާއި ރައީސް މައުމޫން އާއި ނަދީމް ދޫނިދޫ އަށް ގެންގޮސްފިކަން، ޤާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އެސްއޯ ފުލުހުންތަކެއް އެންދެރިމާގޭ ދޮރުކޮޅު ވައްޓާލާ، އެގެކޮޅަށް ވަދެފައިވަނީ ކޯޓު އަމުރެއް ނެތިއެވެ.
ރައީސް މައުމޫން އާއި ނަދީމް ހައްޔަރު ކޮށްފައިވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެހެންނަމަވެސް، ހައްޔަރު ކުރުމުގެ އިރުކޮޅެއް ކުރިން، ޤައުމާއި މުޚާތަބު ކުރައްވާ ރައީސް މައުމޫން ކުރެއްވި ވީޑިއޯ އެއްގައި ވިދާޅުވެފައިވަނީ، ހައްޔަރު ކުރަންވީ އެއްވެސް ކަމެއް އެމަނިކުފާނު ކޮށްފައިނުވާނެ ކަމަށެވެ.