ޤާނޫނީ ވެރިކަން ވައްޓާލަން އުޅުން ކަމުގެ ތުހުމަތާއި ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލު ކޮށްފިއެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގޭ ދޮރު ވައްޓާލާ، މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކޮށް ހަމަ އެރޭ ދޫނިދޫ އަށް ގެންދެވުނެވެ.
ރައީސް މައުމޫންގެ ޤާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވި ގޮތުގައި، މާފުށީ ޖަލަށް ރައީސް މައުމޫނު ބަދަލު ކުރެއްވީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އެކަމާއި ގުޅޭގޮތުން ފުލުހުން ނުދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މައުމޫނު މާފުށީ ޖަލަސް ބަދަލު ކޮށްފައިވާއިރު، މިއަދު ހަވީރުގެ ވަގުތެއްގައި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. މިއީ ފާރިސް ހައްޔަރު ކުރި ތިންވަނަ ފަހަރެވެ.