ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، މާފުށީ ޖަލަށް ބަދަލު ކުރި ފަހުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ބައްދަލު ނުކުރެއްވޭ ކަމާއި ހުންނެވި ހާލެއް ވެސް ނޭނގޭ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ވަކީލުންނަށް އެމަނިކުފާނަށް ބައްދަލު ކުރެއްވުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދީފިއެވެ.
ރައީސް މައުމޫންގެ ވަކީލުން ވިދާޅުވެފައިވަނީ، އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށް ވަކީލުންނާއި އާއިއާއިން އެދި ފޯމް ހުށަހެޅުމަށް މިއަދު ކަރެކްޝަން އޮފީހަށް ދިޔުމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައު އޮތުމުން އެކަމަށް ހުއްދަ ނެދެވޭނެ ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ، އެއީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޖަލު އެލާޓް ކޮށްފައި އޮންނަ ހާލަތްތަކުގައި އަމަލުކުރާ އުސޫލު ކަމަށެވެ.
ނަމަވެސް މިހާރު އެމަނިކުފާނާއި ބައްދަލު ކުރުމުގެ ހުއްދަ ވަކީލުންނަށް ދީފައިވާނޭ ކަމަށް ވެސް ލުގްމާން ވިދާޅުވިއެވެ.
"ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު. މިހާރު ވާނީ ފޯނު މެދުވެރިކޮށް އަދި ޒިޔާރަތްކޮށްގެން ވެސް ވަކީލުންނާ ބައްދަލު ކުރުމުގެ ހުއްދަ ދީފަ" ކަރެކްޝަންސް ގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
ވަކީލުންނަށް މިފުރުސަތު ދެވިފައިވީ ނަމަވެސް، މާފުށީ ޖަލުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި އޮތުމުން އާއިލީ ބައްދަލުވުންތަކަށް އަދި ހުއްދަ ދެވެން ނެތް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. ނަމަވެސް ޖަލު އާންމު ހާލަތަށް ރުޖޫއަވުމާއެކު ރައީސް މައުމޫން އާއި ބައްދަލު ކުރުމުގެ ފުރުސަތު އާއިލާ އަށް ވެސް ދޭނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.