ރައީސް މައުމޫން ގެ މައްޗަށް ކުރާ ތަހުގީގަކީ ޣައިރު ޤާނޫނީ ތަހުގީގެއް ކަމަށް ޤަބޫލުކުރާތީ އެފަދަ ތަހުގީގަކަށް އެއްބާރުލުން ނުދެވޭނެކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ޤާނޫނީ ވަކީލު އިބްރާހިމް ފައިސަލު މިއަދު ވިދާޅުވީ އަސާސެއް ނެތް ތުހުމަތުތަކެއްގައި 33 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު، ތުހުމަތުތަކާ ގުޅިގެން ފުލުހުން މިއަދު އެމަނިކުފާނާއި ސުވާލުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ކުރާ ހުރިހާ ތުހުމަތުތަކަށް ރައީސް މައުމޫން އިންކާރު ކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރާ ތަހުގީގަކީ ޣައިރު ޤާނޫނީ ތަހުގީގެއް ކަމަށް ޤާބޫލުކުރާތީ އެފަދަ ތަހުގީގަކަށް އެއްބާރުލުން ނުދެވޭނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި ކަމަށް ވަކީލު ފައިސަލް ވިދާޅުވިއެވެ.
ފުލުހުން ރައީސް މައުމޫންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އެމަނިކުފާނާއިމެދު ޢަމަލު ކުރަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވެއެވެ.
އެކަމާއި ގުޅިގެން އެމަނިކުފާނުގެ އެއް ޤާނޫނީ ވަކީލު މައުމޫނު ހަމީދު މީގެ ކުރިން ވިދާޅުވެފައިވަނީ ރައީސް މައުމޫން އެންމެ ފުރަތަމަ ދޫނިދޫއިން މާފުއްތަށް ބަދަލުކުރީ ޤާނޫނާ ޚިލާފަށް ކަމަށާއި އަދި މާފުށިން ދޫނިދޫ އަށް ވެސް ބަދަލު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި މިހާރު އެމަނިކުފާނު ބަންދުގައި ބަހައްޓާފައިވަނީ ވެސް ޤާނޫނާ ޚިލާފަށް ކަމަށް މައުމޫން ހަމީދު ވިދާޅުވެފައިވެއެވެ.