ރައީސް މައުމޫނުގެ ޝަރީއަތް ނިމެންދެން ބަންދުގަ ބަހައްޓަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރައީސް މައުމޫނުގެ ޝަރީއަތް ނިމެންދެން ބަންދުގަ ބަހައްޓަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި
ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.

ރައީސް މައުމޫންގެ ޤާނޫލީ ވަކީލް މައުމޫން ޙަމީދު ވިދާޅުވީ ރައީސް މައުމޫން ބަންދުކުރިވަގުތުން ފެށިގެން އެމަނިކުފާނާއިމެދު އަމަލުކޮށްފައިވަނީ ޤާނޫނުން ބޭރުގައި ކަމަށާއި އެކަންކަން މުއްދަތުޖެހުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް ފާހަގަކުރައްވާފައިވާނެ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫނުގެ މައްޗަށް މިއަދު ނިންމި ނިންމުމުގައިވެސް ޤާނޫނުތަކާއި ޚިލާފްވާކަން ފާހަގަކުރައްވާ ކަންތައްތައް އެބަހުރިކަމަށާއި އެހުރިހައި މައްސަލަތަކާއިއެކު މައްސަލަ ވަރަށް އަވަހަށް ހައިކޯޓުގައި އިސްތިއުނާފްކުރައްވާނެ ކަމަށެވެ.

މައުމޫން ޙަމީދު ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރީވެސް ޤާނޫނާއި ޚިލާފަށް ކަމަށާއި ބަންދުގައި ބެހެއްޓީވެސް އަދި މިހާރުވެސް އެބަހައްޓަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.

ބަންދުގެ މުއްދަތު ޖެހުމުގެ ޝަރީއަތް ނިންމައި މިހާރު ވަނީ ރައީސް މައުމޫން ދޫނިދޫއަށް ގެންގޮސްފައެވެ. މުއްދަތެއް ނެތްގޮތަށް ޝަރީއަތް ނިމެންދެން ބަންދުކުރުމުން ޢާންމުކޮށް ބައިތިއްބަނީ މާފުށީ ޖަލުގައެވެ. އެހެންކަމުން ބެލެވެނީ ރައީސް މައުމޫން ވެސް މާފުށީ ޖަލަށް ބަދަލުކުރާނެ ކަމަށެވެ.
މިއަދު އޮންލައިން