ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ އިތުރުން ސިޔާސީ ބޭފުޅުން މާފުށީ ޖަލަށް ބަދަލު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ އިތުރުން ސިޔާސީ ބޭފުޅުން މާފުށީ ޖަލަށް ބަދަލު ކޮށްފި
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ސިޔާސީ ގިނަ ބޭފުޅުންތަކެއް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލު ކޮށްފިއެވެ.

ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ އިތުރުން މާފުށީ ޖަލަށް ބަދަލުކުރީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫން ގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އާއި ޔުމްނާ މައުމޫން ގެ ފިރިކަލުން މުޙައްމަދު ނަދީމް އެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މިބޭފުޅުންގެ އިތުރުން ޓެރަރިޒަމްގެ ތުހުމަތު ކޮށްފައިވާ އެހެން ބޭފުޅުންކަމަށްވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ޖޭޕީ ލީޑަރު އޮނޮރަބަލް ޤާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ޤާސިމް ވެސް ހައްޔަރުކޮށްފައި ބަހައްޓާފައިވަނީ މާފުށީ ޖަލުގައެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރެއިން މާފުށީ ޖަލަށް ބަދަލު ނުކޮށް ބަހައްޓާފައިހުރީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އެކަނި ކަމަށް އެނގިފައިވެއެވެ.

މިއަދު އޮންލައިން