ސިއްޙީ ހާލަތައްޓަކައި ބަންދުން ލުޔެއް ދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވި- ވަކީލު ޝަމީމް

ކިޔުމަށް ހޭދަވާނީ 1މ 26ސ
ސިއްޙީ ހާލަތައްޓަކައި ބަންދުން ލުޔެއް ދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވި- ވަކީލު ޝަމީމް
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ ސިއްޙީ ހާލަތައްޓަކައި ބަންދުން ލުޔެއް ދެއްވުމަށާއި ގެއަށް ބަދަލު ކޮށްދެއްވުމަށް މިއަދު ކްރިމިނަލް ކޯޓުގައި އެމަނިކުފާނު އެދިވަޑައިގަތް ކަމަށް ރައީސް މައުމޫން ގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ވަކީލު ޙުސެއިން ޝަމީމް ވިދާޅުވިއެވެ.

ރައީސް މައުމޫން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވުނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅިކަމުގެ ދައުވާގައި ބޭއްވި އިބްދިދާއީ އަޑުއެހުމަކަށެވެ. އެއަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ގިނިކަންޏާ ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ސިއްޙީ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ އެއެދިލެއްވުމަށް ގާޒީ އާދަމް އާރިފް ވިދާޅުވީ ރައީސް މައުމޫން ޖަލު ބަންދުގައި ހުންނެވީ މިއަދު އެކޯޓަށް ހާޒިރު ކުރެވުނު މައްސަލައާއި ގުޅިގެންކަން ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެކަން ބެއްލެވުމަށްފަހު އިދާރީ ގޮތުން ޖަވާބު ދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

"އެކަމަކީ ޤާނޫނު އޮތް ގޮތުން އަސްލު ކުރެވޭނެ ކަމެއް. އެއީ ފަނޑިޔާރަށް އެބަ އޮވޭ ބަންދާއިމެދު ގޮތްތައް ނިންމުމުގެ ބާރު. ޚާއްސަކޮށް ޝަރީއަތުގެ މަޖިލީހުގަ. އެހެންނަމަވެސް މިފަނޑިޔާރު އެކަމަކާ އަނެއްހެން އުޅުއްވަން ބޭނުންފުޅު ނުވީހެން އަޅުގަނޑަށް ހީވަނީ." މިއަދު އޮތް ޝަރީއަތުގެ އަޑުއެހުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަކީލު ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުން ވަކީލު ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ މައްޗަށް އޭގެ އިތުރުން ތުހުމަތު ކުރެވިފައި އޮތް މައްސަލާގައި ވެސް ރައީސް މައުމޫން ގެ ފަރާތުން އެވާހަކަ ނަންގަވާނެ ކަމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށާއި އެކަމާއި ބެހޭގޮތުން ސިޓީފުޅެއް ކްރިމިނަލް ކޯޓަށް މިހާރު ވެސް ފޮނުވާފައިވާނެ ކަމަށެވެ.

މިއަދު އޮންލައިން