އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅި ކަަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި އުއްތަމަ ފަނޑިޔާއި އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުއަށް، ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ދީފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތީ އެދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ.
އެމައްސަލަ ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ވަކީލަކާއެކު ކަމަށް ރައީސް މައުމޫން އާއި ދެ ފަނޑިޔާރުން ވެސް ވިދާޅުވުމުން ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ 10 ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ.
އެނގިފައިވާ ގޮތުގައި އެތިން ބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަނީ ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ މައްޗަށް ފުލުހުން ތަހުގީގު ކުރި މައްސަލަތަކުގެ ހެކިތަކެއް، އެތިން ބޭފުޅުންގެ ފޯނުގައި ހުރި ކަމަށް ތަހުގީގަށް ފާހަގަ ކުރެވިގެން މޯބައިލް ފޯނު ދޭން އެންގުމުން މޯބައިލް ފޯނު ދޭން ދީފައި ނުވާތީ އާއި އޮތްތަނެއް ވެސް ބުނެދީފައި ނުވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
މީގެއިތުރުން ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ މައްޗަށްދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.