ގޭންގުތަކުން ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ހިސާބަށް ނިޒާމުކުރިއެރުން- ކުލަގަދަކޮށް ފާހަގަކުރަންޖެހޭ!
ކިތަންމެ ރީތި އިބާރާތަކުން ބަޔާންތައް ނެރުނު ނަމަވެސް އިއްޔެ ފެނިގެން މިދިއައީ މުލައްދަނޑީގައި ބާރުހުރި، ކޮންެމެ ކަމެއްވެސް ކުރަން ކެރޭ ބައެއްގެ ބިރުދެއްކުމަށް ކެތް ނުކުރެވިގެން މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭ ޓީޗަރަކަށް ވަގުތުން ރާއްޖެއިން ފުރަންޖެހުނުތަނެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރުމަށެވެ. އެކަމުގެ ސަބަބުން އޭނާ ކިޔަވައިދެމުން ދިއަ އެތައް ސަތޭކަ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅިގެންދިއަ ތަނެވެ.
އެހެންކަމުން ފެނިގެން މިދިއައީ ރާއްޖޭގެ ސްކޫލްތަކުގައި ކަންކަން ހިނގަމުން އަންނަ ގޮތެވެ. ދެވޭ ތަރުބިއްޔަތެވެ. ތައުލީމީ ނިޒާމުގައި ކަންކަން ވަމުން އަންނަ ގޮތެވެ.
މިއަަހަރު ފެށިގެން އައީވެސް ހަމަ މިފަދަ ގޮތަކަށެވެ. ދަގަނޑުބުރިއެއް ހިފައިގެން ތާޖުއްދީން ސްކޫލުތެރެއަށްވަދެ ދަރިވަރަކަށް ވަނީ ހަމަލާ ދީފައެވެ. ލިލީލަގުގައި ވަނީ ދަރިވަރަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައެވެ. އަަހަރު މެދަށް އައިއިރު މިފެނުނީ މާބޮޑު ގެއްލުމެކެވެ. އެތައް ސަތޭކަ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅިގެންދިއަތަނެވެ.
ކުރީ ރޭ ތައުލީމީ ވަޒީރު ދެއްކެވި ވާހަކަފުޅު ވަނީ އަޑު އިވިފައެވެ. ރާއްޖޭގައި ދެވޭ ތައުލީމީ ނިޒާމުގެ ފުރިހަމަކަމުގެ ވާހަކަތަކެވެ. އިއްޔެ ހާމަވެގެންދިއައީ ދަރިވަރުންގެ ކަންކަން ބަލަހައްޓަން ބޭނުންކުރާ ގޫގްލްސް ނިޒާމަށް ދުނިޔޭގެ ތައުރީފް އޮހެމުން އަންނަ ކަމުގެ ވާހަކަތަކެވެ.
ގޫގްލްސް ނިޒާމުން ބަލަހައްޓާ ކަންކަމުގެ ތެރޭގައި ދަރިވަރުންގެ ކްރިމިނަލް ރެކޯޑް ނުހިމެނޭނަމަ އެ ނިޒާމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ ދަރިވަރުން ގޭންގްތަކާއި ގުޅިފައިވާ މިންވަރު އަންގައި ނުދޭނަމަ އެ ނިޒާމުން ކުރާނީ ކޮން ފައިދާއެއް ބާވައެވެ؟ ކްރިމިނަލް ރެކޯޑް ހުރި ދަރިވަރުންނާއިމެދު ފިޔަވަޅު ނުއަޅައި ކުރިއަށް ގެންދާނަމަ އެ ދަރިވަރުންގެ ސަބަބުން ގޭންގްތަކާއި އިތުރަށް ގުޅެމުންދާނީ ކިތައް ދަރިވަރުން ބާވައެވެ؟ އެފަދަ ދަރިވަރުން ފާހަގަކޮށް އިޞްލާޙް ނުކުރެވޭނަމަ ދެވޭ ތައުލީމުން ކުރާނީ ކޮން ފައިދާއެއް ބާވައެވެ؟
މިހުރިހާ ކަންކަމަށް ވިސްނުމުން އެނގެނީ ތައުލީމީ މުޅި ނިޒާމާއިމެދު އިތުރަށް ވިސްނަންޖެހިފައިވާ ކަމެވެ. ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމަށް ޤައުމީ ފެންވަރުގައި ދިރާސާކުރާނެ ކޮމިޓީއަކަށް ބޭނުންވެފައިވާ މިންވަރެވެ. އެކޮމިޓީގައި ޢާންމުން ބައިވެރިކުރަން ޖެހިފައިވާ ކަމެވެ.
މި މައްސަލަތައް އުފެދުނީ މިއަދަކު ނޫނެވެ. ޣިޔާސުއްދީން ސްކޫލް ހުޅުވައި ދެވަނަ އަހަރުން ފެށިގެން މިމައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ. ޣިޔާސުއްދީން ސްކޫލް ހުޅުވުނީ 1999 ވަނަ ަައަހަރުއެވެ. އެހެންކަމަށްވާއިރު މި މައްސަލަތައް މިގޮތަށް ކުރިއަށްދާތާ 19 އަހަރުވީއެވެ.
ކޮންމެ ކަމެއް ނަމަވެސް ޙައްލު ނުކުރެވި ގިނަ ދުވަސްވާވަރަކަށް އުފެދޭ މައްސަލަތައް ގިނަވާނެއެވެ. މައްސަލަތައް ދާނީ ބޮޑެތިވެސް ވަމުންނެވެ. އެކަން އެއީ އެންމެންނަށްވެސް އެނގޭނެ ކަމެކެވެ.
މިއަދުނޫހަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ އޭނާގެ ދަރިފުޅު މިއަހަރު ކިޔަވަނީ ގްރޭޑް 8 ގައި ކަމަށާއި ކިޔަވާ ކްލާހުގައި ވަރަށް "މުއްސަނދި" ދަރިވަރަކު އުޅޭ ކަމަށެވެ. އެދަރިވަރު ކްލާހުގެ އެހެންދަރިވަރުންނަށް ޚަރަދުކުރާ ކަމަށާއި ކްލާހުގެ ގިނަ އަދަދެއްގެ ދަރިވަރުން ބަލަނީ އޭނާއަކީ ކްލާހުގެ "ދާދާ" ކަމަށެވެ. ދާދާގެ އައުވާނުންނަކީ ކިޔަވާ ބައެއް ނޫން ކަމަށާއި އެކުދިންނާއިހުރެ ކްލާހުގައި ކިޔަވައިދިނުމަށްވެސް އޮންނަނީ ދަތިވެފައި ކަމަށެވެ. އަދި އެދަރިވަރުންގެ ތުންފަތްތައްވެސް ޢާދައާ ޚިލާފަށް ކަޅު ކަމަށެވެ. ކްލާހުގައި ކިޔަވައިދޭ ގިނަ ޓީޗަރުންވެސް ދާދާ ދެކެ ބިރުގަންނަ ކަމަށެވެ.
ބައެއް ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ބޮޑެތި ދަރިވަރުންގެ ކިބައިން ފެންނަ ފަދަ އަަމަލުތައް ރާއްޖޭގެ ސާނަވީ މަރުހަލާގައި ފެންނަ ނަމަ އެކަމުގެ މައްސަލަތައް މުޅި މުޖުތަމައުއަށް ޢާންމުވެގެންދާނެއެވެ. އެކަން ރާއްޖޭގައި މިވަނީ ވެ ނިމިފައެވެ.
މިފަދަ މައްސަލަތައް ފާހަގަވާން ފެށީންސުރެ ބެލެނިވެރިން އެދެމުން އަންނަނީ މިފަދަ ބޮޑެތި މައްސަލަތައް ފާހަގަކުރެވޭ ދަރިވަރުންނަށް ވަކިން ތައުލީމު ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. އެކުދިންގެ ސަބަބުން ދެން ތިބި ކުދިންގެ ކިޔެވުމަށާއި އަޚްލާޤަށް ހުރަސް ނުއެޅޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައި އެހެން ދަރިވަރުން މި މުޞީބާތުން ސަލާމަތްކޮށްދިނުމަށެވެ.
ރާއްޖޭގެ ތާރީޚަށް ބަލާއިރު ބަނޑޮހާއި މާފުށީ އިޞްލާޙިއްޔާ ވަނީ އެހީތެރިކަމަށް ބޭނުންވި ގިނަ ކުދިންތަކަކަށް އެހީތެރިވެދީފައެވެ. އެތަންތަނުން ކުދިންނަށް ލިބުނީ ގެއްލުމެއް ނޫނެވެ. ކުރީ ފައިދާއެވެ.
ބީޓެކްގެ ސަބަބުން ދަރިވަރުންތަކަކަށް ދަނީ ފައިދާ ކުރަމުންނެވެ. އެސްޓެކް ފަަދަ ނަމެއްގައި ސްލޫކުޓެކެއް ފަށައި އިތުރު ފިޔަވަޅުތަކެއް ވީހައި އަވަހަކަށް ނުއަޅައިފިނަމަ ކަންކަން ވެގެންދާނެ ގޮތް މިދަނީ ފެންނަމުންނެވެ.