އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ލޮގިންވެވޭ ގޮތަށް އައު ފީޗާތަކަކާއެކު، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ކަސްޓަމާ އީ-ޕޯޓަލް އަލުން ލޯންޗުކޮށްފިއެވެ.
ސަރުކާރުގެ ވަންގަވް ޕްލެޓްފޯމާއި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ކަމުގައިވާ އީފާސް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަކޮށްދިނުމަކީ މި ބަދަލުގެ މައިގަނޑު މަޤުޞަދެވެ. މި އައު ޕޯޓަލަށް ވަނުމަށް ކަސްޓަމަރުން އީފާސް އެކައުންޓް ބޭނުންކުރަންޖެހޭއިރު، އެ ނިޒާމުގެ ތެރެއިން ޕްރޮފައިލެއް ހެދުމަށްފަހު އެމްޑަބްލިއުއެސްސީގެ ތަފާތު ޚިދުމަތްތަކަށް ފަސޭހަކަމާއެކު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ޕޯޓަލް ބޭނުންކުރަން ފެށޭނީ 29 ނޮވެމްބަރު 2026 އިން ފެށިގެންނެވެ.
އައު ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދޭނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ޚާއްޞަ ޓިއުޓޯރިއަލް ވީޑިއޯތައް އެ ކުންފުނީގެ މީސްމީޑިއާ (ސޯޝަލް މީޑިއާ) މަންސަތަކުގައި ހިއްސާކުރަމުންދާނެ ކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތުދެއެވެ.
މީގެއިތުރުން، ޕޯޓަލް ބޭނުންކުރުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ، ނުވަތަ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެމްޑަބްލިއުއެސްސީގެ ހޮޓްލައިން 1575 އަށް ގުޅުމުން އެހީތެރިކަން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.