ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، މާލޭގެ އެމްޕީއެލް ސަރަހައްދު މިރޭ ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި މަސައްކަތާ ގުޅިގެން މިރޭ ދަންވަރު 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް އެއްގަމު އުޅަނދު ދުއްވުމުގައްޔާއި ހިނގާބިނގާވެ އުޅުމުގައި، މަގުމަތީގައި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް ޕްލޭންގެ ޗާޓުގައިވާ ގޮތުން، ބޮޑުތަކުރުފާނުމަގަށް ނުކުމެވޭ ގޮތަށް އޮންނަ ގަނދަކޯޅި ހިނގުމުން ފެށިގެން ކަނބާއައިސާރަނި ހިނގުން ނިމޭ ހިސާބާ ހަމައަށް މަގު ބަންދުވާނެއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހިމެނޭ އައްސޭރި ހިނގުން ވެސް އެއްކޮށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ގަނދަކޯޅި ހިނގުމުން ފެށިގެން ބަނދަރުމަތީ ހިނގުމާ ހަމައަށް އެއްގަމު އުޅަނދު ޕާކުކުރުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ގަނދަކޯޅި ހިނގުމުން ބޮޑުތަކުރުފާނުމަގަށް ނުކުމެވޭ ގޮތަށް އޮތް ނަމަވެސް، އެ މަގަކީ މިހާރު އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މަގު ބޭނުންކުރާ ފަރާތްތަކުން ފުލުހުން ހިއްސާކޮށްފައިވާ ޗާޓާ އެއްގޮތަށް ދަތުރުފަތުރުކުރުމަށާއި، ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.