މަހަކު 3،500ރ. އަށް "އެކުވެހި" އިން ދަރިވަރުންނަށް ޖާގަ ދޫކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މަހަކު 3،500ރ. އަށް "އެކުވެހި" އިން ދަރިވަރުންނަށް ޖާގަ ދޫކުރަނީ

މާލެ ސަރަހައްދުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލެ ފޭސް 2 ގައި ތަރައްގީކޮށްފައިވާ "އެކުވެހި" އެކޮމޮޑޭޝަން އިމާރާތުން ދަރިވަރުންނަށް ޖާގަ ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

ދަނާލެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މި އިމާރާތުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 3,500 ރުފިޔާގެ ކުއްޔަކަށެވެ.

ވިނަރެސް ޓަވަރުތަކުގެ ކައިރީގައި ހުންނަ މި އިމާރާތުގައި ކޮޓަރިތައް ހަމަޖައްސާފައިވަނީ ދެ ދަރިވަރުންނަށް ޝެއާކޮށްގެން އުޅެވޭ ގޮތަށެވެ. އެގޮތުން ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކިން ދެ އެނދާއި، ކިޔެވުމަށް ބޭނުންކުރާނެ ސްޓަޑީ ޓޭބަލް އަދި އަމިއްލަ ފާހާނާއެއް ހިމެނެއެވެ.

ދަރިވަރުންގެ ކިޔެވުމަށާއި ދިރިއުޅުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި، އިމާރާތުގައި އަމިއްލައަށް ކައްކައިގެން ކެވޭނެ ބަދިގެއަކާއި ލޯންޑްރީގެ ޚިދުމަތް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މީޓިން ރޫމް، ކޯވޯކިން ސްޕޭސް، ކޮމަން ކޯޓްޔާޑް، ޓެރަސް، ގޭމް ކުޅޭ ލައުންޖު، އައުޓްޑޯ ޖިމް، ނަމާދުކުރާ ކޮޓަރި އަދި ޕާކިން ޖާގަ ވެސް މި އިމާރާތުގައި ވަނީ ގާއިމުކޮށްފައެވެ. މި ތަނުގެ ސާފުތާހިރުކަމާއި، މެއިންޓަނަންސް އަދި ސެކިއުރިޓީގެ ކަންކަން ބަލަހައްޓާނީ އެޗްޑީސީންނެވެ.

"އެކުވެހި" އިން ޖާގައަށް އެދި ހުށަހެޅޭނީ އުމުރުން 35 އަހަރުން ދަށުގެ ދަރިވަރުންނަށެވެ. އަދި އެ ދަރިވަރަކީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި އެމްކިޔުއޭ ގަބޫލުކުރާ ފުލްޓައިމް ކޯހެއްގައި ރަޖިސްޓްރީވެގެން ކްލާސްތަކަށް ހާޒިރުވެ ކިޔަވަމުންދާ ދަރިވަރަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ކޯސް ފުރިހަމަކުރުމަށް މަދުވެގެން އެއް އަހަރުގެ މުއްދަތެއް ބާކީ އޮންނަންޖެހޭނެއެވެ.

ޝަރުތު ހަމަވާ ދަރިވަރުންނަށް މިކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ފޯމާއެކު ދަރިވަރުގެ އައިޑީކާޑު، ޕޮލިސް ރިޕޯޓު އަދި ކިޔަވަމުންދާ މަރުކަޒުގެ ޕްލޭސްމެންޓް ލެޓާ ހުށަހަޅަންޖެހެއެވެ.

މިއަދު އޮންލައިން