3 އަހަރުގެ ތެރޭގައި ކުޅިވަރު ދާއިރާއިން ހާސިލުކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ދިގުރާސްތާ ޕްލޭން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
3 އަހަރުގެ ތެރޭގައި ކުޅިވަރު ދާއިރާއިން ހާސިލުކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ދިގުރާސްތާ ޕްލޭން: ވަޒީރު

ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ހާސިލުކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ކުޅިވަރު ކުރިއެރުވުމަށް ދިގުރާސްތާ ޕްލޭނެއް އެކުލަވާލުންކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 3 އަހަރަކީ ކުޅިވަރު ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު މުހިންމު ދުވަސްތަކެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް މަސައްކަތަކީ ރާއްޖޭގެ ކުޅިވަރު ހަރުދަނާ ބިންގަލެއްގެ މަތީގައި ކުރިއެރުވުމަށްޓަކައި ދިގުރާސްތާ ޕްލޭނެއް އެކުލަވާލެއްވުމެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކުޅިވަރާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއެކު އެ ޕްލޭންގެ އަސާސީ ފްރޭމްވޯކް ބައްޓަންކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް 2024 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ދެ ތަޖުރިބާކާރެއްގެ ފަންނީ އެހީތެރިކަމާއެކުގައެވެ. ވަޒީރު ވިދާޅުވީ، ކުޅިވަރުގެ ނިޒާމު ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރެވުނު މި މަސައްކަތް ކާމިޔާބުވެގެން ދިޔައީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި މުޅި ކުޅިވަރު އާއިލާގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

"މިމަސައްކަތް ފުރިހަމަވެފައިވަނީ އަޅުގަނޑުމެންގެ ކުޅިވަރު ކޮމިއުނިޓީގެ އިންވޯވްލްމެންޓް ރަނގަޅުވީމަ. ހަގީގަތުގައި ހުރިހާ އެސޯސިއޭޝަންތަކުން މިކަމުގައި ބައިވެރިވެ، އިންޕުޓް ލިބުނު. މީގެ އިތުރުން ކުޅިވަރުގެ އެހެނިހެން މުއައްސަސާތައް، އޮލިމްޕިކް ކޮމިޓީއާ ނެޝަނަލް ސްޕޯޓްސް ކައުންސިލާ ކޮމިޝަނާ އޮފް ސްޕޯޓްސްފަދަ އެންމެހާ މުއައްސަސާތަކުގެ އެއްބާރުލުން ލިބުނު،" ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރު ކުރިއެރުވުމަށް އެކުލަވާލެވުނު މި ދިގުރާސްތާ ޕްލޭނަކީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލު ބައްޓަންކުރުމަށާއި، ކުޅުންތެރިންނާއި އެސޯސިއޭޝަންތައް ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން