އެޗްއާރްސީއެމްގެ ޚިދުމަތް އުތުރަށް ފުޅާކުރަނީ؛ އައްޑޫގައި އަމިއްލަ އޮފީހެއް އަޅަން ބިން ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެޗްއާރްސީއެމްގެ ޚިދުމަތް އުތުރަށް ފުޅާކުރަނީ؛ އައްޑޫގައި އަމިއްލަ އޮފީހެއް އަޅަން ބިން ހަވާލުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އަންނަ އަހަރު ރާއްޖޭގެ އުތުރުގައި އާ އޮފީހެއް ޤާއިމުކުރުމަށް ނިންމައި، އައްޑޫ ސިޓީގައި އެ ކޮމިޝަނުގެ އަމިއްލަ އިމާރާތެއް އެޅުމަށް ބިން ހަވާލުކޮށްފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮފީސްތައް ޤާއިމުކޮށް، އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމަކީ އެޗްއާރްސީއެމްގެ މުހިންމު އަމާޒެކެވެ. މާލެ ފިޔަވައި މިވަގުތު އެ ކޮމިޝަނުގެ ސަރަހައްދީ އޮފީހެއް ހިންގަމުން އަންނަ ހަމައެކަނި ތަނަކީ އައްޑޫ ސިޓީއެވެ. ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި "ސަދަން ރީޖަނަލް އޮފީސް" އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ 21 ޑިސެމްބަރު 2014 ގައެވެ.

އައްޑޫގައި މިހާތަނަށް އެޗްއާރްސީއެމްގެ އޮފީސް ހިންގަމުން އައީ އަމިއްލަ ފަރާތެއްގެ އިމާރާތެއް ކުއްޔަށް ނަގައިގެންނެވެ. ނަމަވެސް، ކޮމިޝަނުގެ އަމިއްލަ އޮފީހެއް އެ ސިޓީގައި ޤާއިމުކުރުމަށްޓަކައި، މި މަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން ވަނީ އެޗްއާރްސީއެމްއާ 3,500 އަކަފޫޓުގެ ބިމެއް ރަސްމީކޮށް ހަވާލުކޮށްފައެވެ.

އުތުރުގައި އާ އޮފީހެއް އެޅުމާއި ދެކުނުގައި އަމިއްލަ އިމާރާތެއް ބިނާކުރުމަށް އެޅޭ މި ފިޔަވަޅުތަކަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

މިއަދު އޮންލައިން